ގާސިމް އިބްރާހިމްއާ ގުޅޭގޮތުން ޕީޕީއެމްގެ ބައެއް ބޭފުޅުން ދައްކަވަމުންދާ ވާހަތަކަށް އެމަނިކުފާނު ވަރުގަދަ ރައްދުތަކެއް ދެއްވައިފިއެވެ.
މިވަގުތު ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހިމް، ހޮނިހިރު ދުވަހުގެރޭ ވީޓީވީ ލައިވް ކަވަރޭޖަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ވިޔަފާރި ބަނގުރޫޓުވުގެ ސަބަބުން އެމަނިކުފާނު އިސްލާހީ ހަރަކާތްތަކާ ފެއަށް ޖެހިވަޑައިގެންފި ކަމަށް ވިދާޅުވެ ޕީޕީއެމްގެ ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވަނީ ކަނޑައެޅިގެން ރޯދޮގު ވާހަކަތަކެއް ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނާ ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރަމުންގެންދަވާ އަބްދުއްރަހީމާއި، ނިހާނާއި، ޚަލީލު އަދި އަލީ އާރިފް އަކީ ރައީސް ޔާމީން ގެންގުޅުއްވާ "ތާޅަފިލިތަކެއް" ކަމަށެވެ.
އެބޭފުޅުން އެމަނިކުފާނާ ގުޅޭގޮތުން އެބާވަތުގެ ވާހަކަތައް ދައްކަވަމުން ގެންދަވަނީ ޔާމީން އަންގަވައިގެން ކަމަށް ޚުދު އެބޭފުޅުން ގާސިމަށް ދަންނަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަބްދުއްރަހީމް، ނިހާން، ޚަލީލު، އާރިފުއަށް ޔާމީންގެ އުނދަގޫ ބޮޑުވެގެން އަޅުގަނޑުގާތު ކިޔާތާ ކިޔަންމެ ދުވަހެއް. ޔާމީނުގެ އުނދަގޫ ބޮޑުކަމުން، އުޅެވޭ ވަރެއްނުވެޔޭ، މިއީ އުޅެވޭވަރު ތަނެއްނޫނޭ، ޖޭޕީއަށް ގެންދެބަލާށޭ ކިޔާތާ ކިތަންމެ ދުވަހެއް. ގާސިމަށް އެއްޗެއްނި ކިއުއްވަނީ ކިޔާށޭ ބުނެގެންނޭ، ތިމަންނާމެން ބޭނުންވެގެންނެއް ނޫނޭ" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، އެބޭފުޅުންނަކީ "ތާޅަފިލިތަކެއް" ކަމަށާއި، އެބޭފުޅުން އެމަނިކުފާނާ ގުޅޭގޮތުން ކޮންމެފަދަ ވާހަކަތަކެއްވެސް ދައްކަވާފާނެ ކަމަށެވެ. އަބްދުއްރަހީމް، ނިހާން، ޚަލީލު، އާރިފުފަދަ ބޭފުޅުންނަށްވުރެ މާ ރަނގަޅު ބޭފުޅުން ޖުމްހޫރީ ޕާޓީގައި އެބަ ތިއްބެވި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އެބޭފުޅުން ކޮންމެ ފަދަ އެއްޗެއްވެސް ކިޔާފާނެ. ތާޅަފިލިތަކެއް. އެއީ ތެދު ވާހަކައެއްނޫން، އަދުރޭ ދައްކާ ވާހަކަ ކުޑަކުއްޖެއްވެސް ގަބޫލެއް ނުކުރާނެ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ރައްޔިތުންނަށް ނުހައްގުން އަނިޔާ ކުރަމުންދާ ސަރުކާރެއްގައި ދުވަހަކުވެސް އެމަނިކުފާނު ނުހުންނަވަނޭ ކަމަށާއި، އިސްލާހަށްޓަކައި އެމަނިކުފާނު ކުރައްވާ މަސައްކަތް ހުއްޓާ ނުލައްވާނޭ ކަމަށެވެ. ގާނޫނުއަސާސީގެ އިންތަކާއި މިންތަކުގެ ބޭރުން ކަންކަން ކުރާ ބަޔަކާއެކު ނޫޅުއްވާނެ ކަމަށާއި، ހައްގުބަސް ވިދާޅުވާނޭ ކަމަށެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމަށާއި، އެކަމުގެ އަޑީގައި ހުންނެވީ ގާސިމް އިބްރާހިމް ކަމަށް ވިދާޅުވެ އެންވަޔަރަންމެންޓް މިނިސްޓަރ ތޯރިގު ދައްކަވާ ވާހަކަތަކާ ގުޅިގެން ގާސިމް ވިދާޅުވީ "އަޑީގައި އޮވެގެން ބޮޑެތި ކަންތައްތަކެއް ނުކުރެވޭނޭ ކަމަށާއި، ބޮޑެތި ކަންތައްތައް ކުރެވޭނީ މަތީގައި އޮވެގެން" ކަމަށެވެ. ޔާމީނު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ އެމަނިކުފާނު މިހާރު ހުންނެވީ ކައްފާރާގައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަބަބުން ގައުމު ހަލާކުވެ ބަނޑަށް ޖެހިގެން ދާއިރު ސިފައިންނާއި ފުލުހުން ވެރިޔާ ހިމާޔަތްކުރަން ނުޖެހޭ ކަމަށާއި، ކުށްގެންތިބި ހުވަޔާ އެއްގޮތަށް އަމަލުކުރުމަށް ގާސިމް ގޮވާލެއްވިއެވެ.
ސަރުކާރުން އެއްވެސް ގޮތެއް ފޮތެއްނެތި މީހުންގެ ދަރިންނާއި އަނބިން ޖަލަށް އަޅަމުންގެންދާ ކަމަށާއި، އެޖަލުތަކުގެ ވޭން ފުލުހުންނާއި ސިފައިން ތަހައްމަލް ކުރަންޖެހޭނީ މާދަމާ ނޫންކަމެއްވެސް ނޭނގޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެފުރުސަތު ނުދީ.ހެޔޮނުވާނެ، ސަލާމަތްވާން ފިޔަވަޅު އަޅަންޖެހޭ. ސިފައިންނާއި ފުލުހުން ހޭއަރާ. ގާނޫނުއަސާސީގައި އެއްވެސް މީހަކު ނުހުންނާނެ މަތީގައި. އެންމެންވެސް ގާނޫނުއަސާސީއަށް ތަބާވާންޖެހޭނެ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މިމަހުގެ 16 ވަނަ ދުވަހު މާލޭގައި ވަރުގަދަ އިހުތިޖާޖެއް ބޭއްވުމަށް ގުޅިފައިވާ ޕާޓީތަކުން ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެދުވަހުގެ އިހުތިޖާޖުގައި ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މާލެއައިސް މަގުތަކަށް ނުކުރުމަށް ގާސިމް ގޮވާލެއްވިއެވެ.
ރައްޔތުންގެ އަތުން ގެއްލިފައިވާ އެއްޗެއް ހޯދޭނީ ރައްޔިތުން ނުކުމެގެން ކަމަށާއި، ހަމަހިމޭންކަމާއެކު މަލޭގެ މަގުތަކަށް ނުކުންނަވައި، ރާއްޖެ ބަނޑަށް ޖެހުމުގެ ކުރިން މިކަމުން ސަލާމަތްވާންޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ސަރުކާރުން އެމަނިކުފާނުގެ ހުރިހާ ދަރިން ޖަލަށްލައި، ވިޔަފާރި ހަލާކުކޮށްލިޔަސް، އެއީ ރާވައިގެން ކުރާ ކަމެއްކަން އެންމެނަށްވެސް އެނގޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ތަކުރާރުކޮށް އެ ވާހަކަ އެ ދައްކަނީ، އަޅުގަނޑު ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ. އެ ދުއްވަނީ ބިސްމަޅި. ގާސިމަށް ބިސްމަޅިއެއް ނުދުއްވޭނެ. އަޅުގަނޑުގެ ހުރިހާ ދަރިން ޖަލަށް ލިޔަސް، ވިޔަފާރި ހަލާކު ކޮށްލިޔަސް، އެންމެނަށްވެސް އެނގޭ މިއީ ރާވައިގެން ކުރާ ކަމެއްކަން. ﷲ ގެންދަވަން ނިންމަވާފައިވާ ކަމެއް ވާނެ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އަދުރޭ، ނިހާން، އަލީ އާރިފް، ޚަލީލް ޖޭޕީއަށް ގެންދާށޭ ކިޔައި އާދޭސްކުރަނީ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ