އަހަންނަކީ ދެ ވަނަ ނޭމާއެއް ނޫން: ވިނީޝަސް

ރިއޯ ޑި ޖެނީރޯ (މާޗް 29) – ދެ ވަނަ ނޭމާ އަށް ވާން ބޭނުންނުވާ ކަމަށާއި އަމާޒަކީ އަމިއްލަ ލެގަސީއެއް ގާއިމްކުރުން ކަމަށް ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ވިނީޝަސް ޖޫނިއާ ބުނެފި އެވެ.
އުމުރުން 17 އަހަރުގެ ފޯވާޑް ވަނީ ބްރެޒިލްގެ ފްލެމިންގޯ އަށް 50 މެޗުން 10 ގޯލް ޖަހައިދީފަ އެވެ. ރެއާލް މެޑްރިޑުން ވިނީޝަސް ގަތީ 45 މިލިއަން ޔޫރޯ އަށެވެ. އެކަމަކު އޭނާ އަށް އެންމެ އަވަހަށް ވެސް މެޑްރިޑަށް ކުޅެވޭނީ މި އަހަރުގެ ޖުލައި މަހު 18 އަހަރު ފުރުމުންނެވެ
"އަހަރެން ބޭނުމެއް ނޫން އެހެން ނޭމާއަކަށް ވާކަށް. އެކަމަކު އަހަރެން ބަލަން ނޭމާ ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކަށް. އެއީ އަހަންނަށް އަމާޒުތަކެއް ކަނޑައަޅަން މުހިއްމު ކަންތައްތަކެއް. އަދި އަހަރެން އަމިއްލައަށް ކުރިއެރުން ހޯދުމަށް ވެސް އެއީ މުހިއްމު ކަންތައްތަކެއް. އެކަމަކު އެއްވެސް ކުޅުންތެރިޔަކާ އަހަންނާ އަޅާކިޔާ ކިޔުމަކަށް އަހަރެން ސަމާލުކަމެއް ނުދެން،" ވިނީޝަސް ބުންޏެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕީއެސްޖީގެ ނޭމާއާ އެއް ސްޓައިލަކަށް ކުޅޭ ވިނީޝަސް ބުނީ ސީދާ ނޭމާ އަށް ވުމުގެ ޝައުގެއް ނެތް ކަމަށާއި ބޭނުންވަނީ އަމިއްލަ ކެރިއަރެއް ބިނާކުރަން ކަމަށެވެ. އަދި ބައިވަރު ކާމިޔާބީތަކެއް ހޯދައި، ބްރެޒިލްގެ އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދޭން ކަމަށެވެ.
ވިނީޝަސް ވަނީ މިދިޔަ އަހަރުގެ 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ޗެމްޕިއަންޝިޕް ބްރެޒިލަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދިއިރު ހަތް ގޯލް ޖަހާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ