މާމެންދޫ ރައްޔިތުން ނުކުމެ ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިފި

ރައްޔިތުންގެ ބުރަ މަސައްކަތުން ލ. މާމެންދޫގައި ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދިފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނާއިބު ރައީސް ހުސައިން ހަބީބު ވިދާޅުވީ މާމެންދޫ ކަރަންޓު ކެނޑޭ މައްސަލައަކީ ހައްލެއް ލިބިފައި ނެތް ޒަމާންވީ މައްސަލައެއް ކަމަށާއި، ކަރަންޓުގެ މައްސަލައަށް ހައްލު ނުލިބެނީސް ކަރަންޓު ނުދިނުމަށް ރައްޔިތުން ނިންމި ނިންމުމަކީ މިމައްސަލައަށް ދާއިމީ ހައްލު ހޯދުމަށް ރައްޔިތުން ނިންމި އެންމެ އުދަނގޫ އެއް ނިންމުން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މިނިންމުމުގެ ސަބަބުން ކަރަންޓު ކެނޑޭ މައްސަލައަށް ދައިމީ ހައްލެއް ލިބުނީ ކަމަށް އޭނަ ވިދާޅުވިއެވެ.  
ހަބީބު ވިދާޅުވީ އާދިއްތަ ދުވަހު އިރުއޮއްސުނުއިރު އައު ޖަނަރޭޓަރު އިންސްޓޯލްކޮށް މުޅި ރަށަށް ކަރަންޓު ދެވިފައިވާ ކަމަށެވެ. ހަބީބު ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ 8:10 ގައި އައު ޖަނަރޭޓަރު އެރަށަށް ގެންދެވުނު ކަމަށާއި، ރައްޔިތުންގެ މަސައްކަތުން އިންޖީނުގެއަށް ޖަނަރޭޓަރު ގެންދެވުނީ އެރޭ މެންދަމު 1 ޖަހަންނިކޮށް ކަމަށެވެ. އަދި ޖަނަރޭޓަރު ލިބުމާ އެކު ފެނައިކައިން މުއައްޒަފުން މަސައްކަތް ފެށި ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އެރަށަށް ގެނައި ޖެނަރޭޓަރަކީ 250 ކިލޯވޯޓުގެ ޖަނަރޭޓަރެއް ކަމަށާއި، އެޖަނަރޭޓަރުން މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް އިންޖިނިއަރުން ބުނާ ކަމަށެވެ. އިންޖީނުގޭގައި މިހާރު ހުރި ތިން ޖަނަރޭޓަރު ހަލާކުވެފައިވާކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ 160 އަދި 180 ކިލޯވޯޓުގެ ޖަނަރޭޓަރު ބަހައްޓަން ނިންމާފައިވާއިރު 400 ކިލޯވޯޓުގެ ޖަނަރޭޓަރު އެހެން ރަށަކަށް ބަދަލުކުރަން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އެހާ އަވަހަށް ކަރަންޓުގެ މައްސަލައަށް ހައްލެއް މިލިބުނީ ރައްޔިތުންގެ މަސައްކަތުން. މީ ސަރުކާރުގެ ހެޔޮފުޅުކަމުންވީ ކަމެއް ނޫން. ޖަނަރޭޓަރު އިންޖީނުގެއަށް ގެންދިޔައީ ރައްޔިތުންގެ މަސައްކަތުން. ވަރަށް ޖޯޝާ ފޯރީގަ. އަންހެން ބޭނކަބަލުންގެ މަސައްކަތް ވެސް ފާހަގަކުރަން. ޖަނަރޭޓަރު ގެންދަން އެރޭ ރަށުގެ ރައްޔިތުން ނުކުމެ ބޮޑެތި ކެއްކުންތައް ކައްކާ މިމަސައްކަތް ނިމެންދެން ގިނަ ބަޔަކު ހަރަކާތްތެރިވި" ހަބީބު ވިދާޅުވިއެވެ.
މާމެންދޫއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވުމާ ގުޅިގެން އެރަށުގެ ރައްޔިތުންގެ އަގުބޮޑެތި އެތަކެއް މުދާތަކެއް ވަނީ ހަލާކުވެގެން ގޮސްފައެވެ. އެހެންކަމުން ގިނަ ބަޔަކު ހިތްހަމަ ނުޖެހިގެން އިންޖީނުގޭގެ ދޮށަށް އެއްވެ މުޒަހާރާ ވެސް ކުރިއެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ