އައްޑޫގެ ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓްގެ އަގަށް މިދިޔަ މަހުން ފެށިގެން ގެނައި ބޮޑު ބަދަލާ ގުޅިގެން، ގިނަ އަދަދެއްގެ ވިޔަފާވެރިންތަކެއް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދައި ދިނުމަށް އެދި އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިފި އެވެ.
ވިޔަފާރިކުރާ ތަންތަނަށް ކަރަންޓުން ދޭ ސަބްސިޑީ ނުދިނުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން މިދިޔަ މާޗް މަހުން ފެށިގެން އައްޑޫގެ ރައްޔިތުން ދަނީ އެމައްސަލަ ކޯޓުތަކުގެ އިތުރުން، ކަމާބެހޭ އެކި އިދާރާ ތަކަށްވެސް ހުށަހެޅުމަށް ތައްޔާރު ވަމުންނެވެ.
ވީ ނިވްސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ ސްޓިއަރިން ކޮމިޓީގެ ޖެނަރަލް ސެކެޓްރީ މޫސާ ނިޒާމް ވިދާޅުވީ، އިއްޔެ ހެނދުނުގެ ވަގުތެއްގައި އައްޑޫ ސިޓީ ކައުންސިލު މެދުވެރިކޮށް މަޖިލީހަށް އެމައްސަލަ ހުށަހެޅުމަށް ފަހު، މިހާރު ކޯޓަށްވެސް މައްސަލަ ވެއްދުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
އެގޮތުން ކޯޓުތަކަށް މައްސަލަ ހުށަހެޅުމަށްޓަކައި ލޯޔަރުންގެ ކަންކަން ހަމަޖެއްސުމަށް އައްޑޫގެ ދެ ވިޔަފާރިވެރިއަކު މިއަދު މާލެ އައިސްފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މައްސަލަ ސިވިލް ކޯޓަށްވެސް ހުށަހަޅާނެ ކަމުގައި މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، މާޗް މަހުން ފެށިގެން ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓުގެ އަގަށް ގެނައި ބަދަލަކީ ގަބޫލު ކުރެވޭނެ އަގުތަކެއް ނޫން ކަމަށާއި، ބިލަށް ހެޔޮ ބަދަލެއް ނާންނަނީސް އައްޑޫގެ އެއްވެސް ވިޔަފާރިވެރިއަކު ބިލަށް ފައިސާ ނުދައްކާނެ ކަމަށެވެ.
ސަރުކާރުން ޚާއްސަކޮށް އައްޑޫ ސިޓީގެ ރައްޔިތުންނާއި ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންކަން ކޮށްފައިވާކަން ސަބްސިޑީގެ މައްސަލަޔާއި ގުޅިގެން ބެލި ބެލުންތަކުން ހާމަވެފައިވާ ކަމަށް މޫސަ ވިދާޅުވެފައެވެ.
އެ ގޮތުން، މީގެކުރިން ބައެއް ރަށްރަށަށް ކަރަންޓް ސަބްސިޑީގެ ގޮތުގައި ފިޔުލް ޗާޖު ސަބްސިޑީގެ ނަމުގައިދޭ ސަބްސިޑީއެއްގެ އިތުރަށް ޔޫސޭޖް ސަބްސިޑީއެއް ދީފައިވާއިރު، ދުވަހަކުވެސް އައްޑޫގެ ރައްޔިތުންނަށް ޔޫސޭޖް ސަބްސިޑީ ދީފައި ނުވާކަން އޭނާ ވަނީ ފާހަގަ ކުރައްވައެވެ.
"އަޅުގަނޑުމެން ކުޅުދުއްފުށްޓާއި އަދިވެސް އެހެން ބައެއް ރަށްރަށުގެ ބިލުތައް ބަލައި، މިކަންކަމުގެ މައުލޫމާތު ހުރި ފަރާތްތަކާވެސް މަޝްވަރާ ކޮށްފިން. ޔޫސޭޖް ސަބްސިޑީގެ ނަމުގައި ދޭ ސަބްސިޑީއެއް ދުވަހަކުވެސް އައްޑޫ ރައްޔިތުންނަށް ސަރުކާރުން ދީފައެއް ނުވޭ. އެއީ ވަރަށް ބޮޑު ނާއިންސާފެއް." މޫސަ ވިދާޅުވިއެވެ.
ކަރަންޓު ސަބްސިޑީގެ މައްސަލައިގައި ނިމުނު މާޗް މަހުގެ ފަހުކޮޅުން ފެށިގެން އައްޑޫގެ ރައްޔިތުން އިހުތިޖާޖު ފަށާފައިވާއިރު، އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ ކޮމިޓީން ދަނީ އަންނަ ހޮނިހިރު ދުވަހު ބޮޑު މުޒާހަރާއެއް ބޭވުމަށްވެސް ރާވަމުންނެވެ.
އައްޑޫ ސިޓީ ކަރަންޓު ސަބްސިޑީގެ މައްސަލަ މަޖިލީހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ