ރައީސް މިއަދު ހަވީރު ނައިފަރަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދެކަނބަލުން މިއަދު ހަވީރު ޅ އަތޮޅު ނައިފަރަށް ވަޑައިގެންފި އެވެ.
ޅ ނައިފަރުގެ ރައްޔިތުންގެ ޚާއްސަ ދަޢުވަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅުގައި ނައިފަރަށް މިއަދު ހަވީރު ވަޑައިގެންނެވުމުން، އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އަދި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި، އަދި މިހާރު ޕީޕީއެމްއަށް ސޮއި ކުރައްވާފައިވާ އަހްމަދު ޝިޔާމް ވެސް ވަނީ ރައީސް ނައިފަރަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.
ނައިފަރުގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވުމަށް މިރޭ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9 ޖަހާ އިރު ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެ އެވެ.
ރައީސްގެ ދެކަނބަލުން މާލެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މާދަމާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ