ގާސިމް މަރާލި މައްސަލައިގެ މައުލޫމާތު މިއަދު ހާމަކުރާނެ

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގެ މައުލޫމާތު މިއަދު ހާމަކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ދެންމެ ވިދާޅުވީ ޑިސެމްބަރ 4 ވަނަ ދުވަހުގެ 21:06 ހާއިރު ހުޅުމާލެ ރީތިގަސްމަގުގައި ޓެކްސީ ޑްރައިވަރ، ޤާސިމް ޙަސަން އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މިއަދު 13:00 ގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާޢު އާއި ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް އެވެ.
ގާސިމް މަރާލި ކަމަށް ޅ. ހިންނަވަރު، ބޮޑުހިޔާގެ އަދުހަމް މުހައްމަދު ވަނީ ފުލުހުންގެ ތަޙްޤީޤުގައި މިހާރު އެއްބަސްވެފައެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ގާސިމް މަރާލަން ބޭނުން ކުރި ހަތިޔާރާއެކު، އަދުހަމް އެ ރޭ ލައިގެން ހުރި އަންނައުނުވެސް ފުލުހުން ވަނީ ހޯދާފައެވެ. ފުލުހުން ހޯދާފައިވާ ހެކިތަކުން އަދުހަމްގެ ޑީއެންއޭ ވެސް ވަނީ ފެނިފައެވެ. އަދުހަމް ގެންދަނީ ފުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދެމުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އަދުހަމަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
ގާސިމްގެ މަރަށް އަދުހަމް އިއުތިރާފް ވުމުން ވެސް އެމައްސަލައިގައި ދައުވާ ކުރުން ލަސްވާތީ ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ ކުށަށް އިއުތިރާފުވި ނަމަވެސް ފަހުން ކުށްވެރިޔާ އިއުތިރާފު އަނބުރައި ގެންގޮސްދާނެ ކަމަށާއި އެހެންކަމުން ލިބެންހުރި ހުރިހާ ހެއްކެތް ހޯދަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ