ބްރައިޓްވޭ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ޝާނީ

ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޝާނީ ޝަމީމް ހޮވިއްޖެ އެވެ.
އެ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ހަތް މާއްދައިން އޭ ސްޓާ އަދި އެއް މާއްދާއިން އޭ ހޯދައިގެން ރާއްޖޭގެ ގައުމީ ގަދަ 10ގައި ދެ ވަނަ ހޯދި ޝާނީ އަށް އިނާމު ހަވާލުކޮށްދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.
ޝާނީ އަކީ ބްރައިޓްވޭގެ މިދިޔަ އަހަރުގެ ސްކޫލް އަންހެން ކެޕްޓަން ވެސް މެ އެވެ.
ބްރައިޓްވޭ ސްކޫލުން ހުރިހާ ގޮތަކުން ދެ ވަނަ ހޯދި ލުމައިހާއަށް، ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވޯޑު ހަވާލުކޮށްދެއްވަނީ- ފޮޓޯ: ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް
ހުރިހާ ގޮތަކުން ދެ ވަނަ އަށް ލުމައިހާ އާދަމް ޝަރީފް ހޮވިއިރު ތިން ވަނަ ލިބުނީ ފާތިމަތު ރަނާއަށެވެ. އެ ދެ ދަރިވަރުން ވެސް ވަނީ ފަސް މާއްދާ އިން އޭ ސްޓާ އަދި ތިން މާއްދާއިން އޭ ހޯދައިގެން ގައުމީ ގަދަ 10ގައި ހަތަރު ވަނަ ހާސިލްކޮށްފަ އެވެ.
ޝާނީ ވަނީ ބަޔޮލޮޖީން ރާއްޖޭން އެއްވަނަ އަދި ޖޯގްރަފީން ހައި އެޗީވްމަންޓް އެވޯޑު ހޯދައިފަ އެވެ. އަދި އެ ސްކޫލުގެ ހަމަދު މުހައްމަދު ނާޖީ ވަނީ އިނގިރޭސިން ދުނިޔޭން ތިން ވަނަ ހާސިލްކޮށްފަ އެވެ.
އެ ސްކޫލް ހިންގާ ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު ވިދާޅުވީ މިދިޔަ އަހަރު އޯ ލެވެލް ހެދި 28 ދަރިވަރުންގެ ތެރެއިން ހުރިހާ ދަރިވަރުން ވެސް ވަނީ ހަތް މާއްދާއިން ފާސްވެފައި ކަމަށެވެ. އޭގެ ތެރެއިން 16 ދަރިވަރަކު، މަދުވެގެން ދެ މާއްދާއިން އޭ ސްޓާ ނުވަތަ އޭ ހޯދާފައިވާކަން ފާހަގަކުރެއްވި އެވެ.
މިއަހަރު 20 ދަރިވަރުން އޯ ލެވެލް ހަދަމުން އަންނައިރު، ޓާގެޓަކީ މިދިޔަ އަހަރަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމެވެ.
ބްރައިޓްވޭ ސްކޫލުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުންނާއެކު ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް
"މިދިޔަ އަހަރަށްވުރެ މިއަހަރުގެ ނަތީޖާ ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ. އުއްމީދުކުރަނީ އެ ނަތީޖާ ހާސިލްވެ ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމަށް،" މޫސަ ވިދާޅުވި އެވެ.
ތަފާތު ހަރަކާތްތަކާއި ކިޔެވުމުން ފާހަގަކޮށްލެވޭ 129 ދަރިވަރަކަށް ރޭގެ ހަފުލާގައި އިނާމު ދީފައި ވެ އެވެ.
ޕްރީސްކޫލުން ފެށިގެން ގްރޭށް 11 އަށް ކިޔަވައިދެމުން އަންނަ ސްކޫލުގައި 803 ދަރިވަރުން އުޅެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ