މަހްލޫފްގެ ޚިޔާލު ނަޝީދުގެ ޚިޔާލުފުޅާ މުޅިން ތަފާތު- ކުރަންވީ ކަމަކީ އެންމެގިނަ ވޯޓު ހޯދާ މީހަކަށް އިންތިޚާބު ކާމިޔާބު ވާގޮތް ހަދަންވީ

ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރެވޭގޮތަށް ރާއްޖޭގެ ޤާނޫނު އަސާސީ އިސްލާޙު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބާއްވަން ފެންނަނީ ބަރުލަމާނީ ނިޒާމެއް ކަމަށާއި އިންތިޚާބަށް ފަހު އެކަން އެގޮތަށް ބަދަލު ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ފާޅުކުރައްވާފައިވާ ޚިޔާލުފުޅާމެދު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބަޔެއް މަޖިލިސް މެމްބަރުން ޓްވިޓާގައި މިއަދު ކުރައްވަމުން ގެންދެވި ބަހުސެއްގައި މަހްލޫފް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި އެންމެ މުހިންމު އެއް ސިފައަކީ އިންތިޚާބުގައި އެންމެގިނަ ހޯދާ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުވުން ކަމަށެވެ.
މި ބަހުސްގައި ބަރުލަމާނީ ނިޒާމަށް މަހްލޫފް ތާއީދު ކުރައްވާފައި ނުވެއެވެ. މަހްލޫފް ތާއީދު ކުރައްވާފައި ވަނީ ރިޔާސީ ނިޒާމަށެވެ. އެއާއެކު ރިޔާސީ ނިޒާމުގެ ތެރެއިން ޤާނޫނު އަސާސީއަށް އެ އިސްލާޙު ގެނައުމަށެވެ.
މަހްލޫފް ވިދާޅުވީ "ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ފަހު" ގުޅިފައިވާ ޕާޓީ ތަކުން ކުރަންވީ އެންމެ މުހިންމު ކަމަކީ ޤާނޫނު އަސާސީއަށް އެ އިސްލާޙު ގެނައުން ކަމަށެވެ.
"ކޯލިޝަން ހަދަން މަޖުބޫރުވެ، ދެވަނަ ބުރެއް މުހިންމެއްނޫން" މަހްލޫފް ވިދާޅުވިއެވެ.
އެމްޑީޕީގެ ބަޔެއް މަޖިލިސް މެމްބަރުން ފެށި މި ބަހުސްގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރާ ކަމަށް އެޕާޓީގެ ބަޔެއް މެމްބަރުންވެސް ދިޔައީ ވަރަށް ފާޅުގައި ވިދާޅުވަމުންނެވެ. ނަމަވެސް ބަޔެއް މެމްބަރުން ވިދާޅުވީ ރައީސް ނަޝީދުގެ ޚިޔާލުފުޅަށް ތާއީދު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ