ބަންދުގެ އަމުރުތަކުގެ އިސްތިއުނާފަށް ހުށައެޅޭނީ ހައި ކޯޓަށް އެކަނި: ސުޕްރީމް ކޯޓު

ފުރަތަމަ މަރުހަލާގެ ކޯޓުތަކުން ބަންދާމެދު ނެރޭ އަމުރުތައް، މާލޭގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޯޓަށް އެކަނި ހުށަހަޅަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ސާކިއުލާއެއްގައިވާ ގޮތުގައި، ކުށެއްގެ ތުހުމަތުގައި މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން ބަންދާމެދު ކޯޓުން ނެރޭ އަމުރުތައް، އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނީ މާލޭގައި ހުންނަ ހައި ކޯޓަށް އެކަނި ކަމުގައެވެ.
ސުޕްރީމް ކޯޓުން އިއްޔެ އެ ބަދަލު ގެނައީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން ބަންދާމެދު ކޯޓުން ނެރޭ އަމުރުގެ މައްސަލަތަކަކީ އަވަސްކަމާ އެކު ނިންމަންޖެހޭ ބާވަތުގެ މައްސަލަތަކެއް ކަމުގައިވާތީވެ، ހައި ކޯޓުގެ ދެ ގޮފީގައި ޝަރީއަތް ހިންގުމަށް ކަނޑައަޅާފައިވާ އުސޫލުގައި ހައިކޯޓުގެ ގޮފިތަކުގައި ދާއިމީ ފަނޑިޔާރުން ގާއިމުވެތިބޭގޮތަށް ހަމަޖެހިފައި ނުވާތީ ކަމަށް ބުނެއެވެ.
ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައި ކޯޓުގެ ދެ ގޮފި ގާއިމު ކުރަންޖެހޭ ގޮތަށް ހަމަޖެހުނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް 14 ޖޫން 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހެއްގެ ދަށުންނެވެ. އެއާ އެކު 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގެ ދަށުން ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރެވޭނީ ހަމައެކަނި، އެ މައްސަލައެއް ނިންމި ދަށު ކޯޓެއް، ނިސްބަތްވާ ސަރަހައްދެއްގައި ހުންނަ ހައި ކޯޓުގެ ގޮތްޕަށް ކަމަށްވެސް ކަނޑައެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ސާކިއުލާގައި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރުމާ ގުޅޭ ގޮތުން އަލިއަޅުވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ