ސީލައިފް އެޕާޓްމެންޓްތަކަށް ދެއްކި ފައިސާ ނުލިބިގެން ޝަކުވާ ބޮޑުވެއްޖެ

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އަޅަން ބުނި އެޕާޓްމެންޓްތައް ގަންނަން 50،000ރ ދީފައި ބުކިން ހެއްދި މީހުންނަށް އެ ފައިސާ އަނބުރާ ނުލިބުމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ސީލައިފްއާ ހަވާލުކުރީ މީގެ ތިން އަހަރު ކުރިންނެވެ. އަދި ބޮޑު ރަސްމިއްޔާތަކާ އެކު، ރައީސް އަބްދުﷲ ޔާމީން އެތަނުގައި ބިންގާ އަޅުއްވައިދެއްވި ނަމަވެސް، އެތަނުގެ މަސައްކަތްތަކެއް ކުރިއަކަށް ނުދެ އެވެ.
ސީލައިފްގެ ފްލެޓްތަކުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން ޝައުގުވެރިވެގެން 280 މީހުން ވަނީ ބުކިން ފީ ދައްކާފަ އެވެ. އެގޮތުން ކޮންމެ މީހެއްގެ އަތުން 50،000ރ ނަގާފައިވެ އެވެ. އެހެންކަމުން ބުކިން ފީއަށް އެކަނި ވެސް 14 މިލިއަން ރުފިޔާ ސީލައިފް އަށް ލިބިފައިވާނެ ކަމަށް، ބައެއް މީހުން ބުނެ އެވެ.
ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ފްލެޓް އަޅަން ލަންކާ ކޮރަލް ހޯލްޑިންގްސްއާ ކުރުމުގެ ހަފުލާގައި އަންމަޓީ (މ) ސޮއިކުރައްވަނީ -- ފޮޓޯ: މިހާރު
އެކަމަކު ތިން އަހަރު ވީއިރު ވެސް މަސައްކަތް ކުރިއަށް ނުދާތީ އެ ފައިސާ ހޯދުމަށް ގިނަ ބަޔަކު އެ ކުންފުންޏަށް ސިޓީ ހުށަހަޅައި ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ނަމަވެސް ފައިސާ އަނބުރާ ލިބުނީ، އެނގިފައިވާ ގޮތުގައި، އޭގެ ތެރެއިން މަދު ބަޔަކަށެވެ.
ސީލައިފުން ތިން ކޮޓަރީގެ އެޕާޓްމެންޓެއް ގަތުމަށް ބުކިން ހެއްދި މީހަކު، ނޫހުގައި ނަން ނުޖެހުމަށް އެދި، ބުނިގޮތުގައި ފްލެޓްތަކުގެ މަސައްކަތް ނުފެށޭތީ ރިފަންޑު ހޯދަން އޭނާ މަސައްކަތް ކުރާތާ ތިން މަސް ވެއްޖެ އެވެ. ފައިސާ ހޯދަން އެދި ސިޓީ ލުމަށް ފަހު، މަހަކު އެއް ފަހަރު އެ ކުންފުންޏަށް ގުޅާ ކަމަށާއި އެކަމަކު ކޮންމެ ފަހަރަކު ވެސް އެތަނުގެ ޖަވާބަކަށް ވެފައިވަނީ ވަރަށް އަވަހަށް ފައިސާ ހަމަޖެހޭނެ ކަމަށް ކަމަށް އޭނާ ބުންޏެވެ.
"މީގެ ދެތިން ދުވަސް ކުރިން އަޅުގަނޑުމެން އެ އޮފީހަށް ދިޔައިރު އެތަނުގައި މުވައްޒަފެއް ނެތް. އޭސީތައް ވެސް ހުރީ ކަނޑާލާފައި. ހީވަނީ ބަންދުކޮށްފައި ހުރި ތަނެއްހެން. އެކަމަކު އެތަނުން ދިމާވި މީހަކު ބުނީ ފައިސާއަށް ވީ ގޮތެއް އެނގޭނީ އެމްޑީއަށޭ. އެމްޑީ ވީ ރާއްޖޭން ބޭރުގައޭ،" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ކުންފުނީގެ އޮފީހު ފޯނުތައް ވެސް މިހާރު ހުންނަނީ ކަނޑާލާފަ އެވެ. އެހެންވެ ގިނަ މީހުން ތުހުމަތުކުރަނީ ފައިސާ ނުދޭންވެގެން ކުންފުނިން މަސައްކަތްކުރަނީ ކަމަށެވެ.
"ދެން އަޅުގަނޑުމެން ކީކޭތޯ ބުނާނީ؟ މިކަމުގައި އުޅޭ އެންމެން ވެސް ބުނަނީ ހަމަ އެހެން. ރާއްޖޭން ބޭރަށް ދިޔަ ނަމަވެސް، އެތަނުގައި ތިބޭ އެހެން މުވައްޒަފުންނަށް ވެސް އޭނާއާ ގުޅެން ޖެހޭނެ ދެއްތޯ؟ އެ ފައިސާ ހޯދަން އުޅޭތާ އަޅުގަނޑުމެން އެތައް މަހެއް ވެއްޖެ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ސީލައިފްގެ މެނޭޖިން ޑިރެކްޓަރަކީ 2000ގެ އަހަރުތަކުގެ ކުރީކޮޅާއި މެދުތެރޭގައި ދިވެހި ބައެއް ލަވަ ކުޅެ، ލަވަ އާއި ފިލްމު ޕްރޮޑިއުސްކުރި އަހުމަދު މޫސާ (އަންމަޓީ) އެވެ.
ސީލައިފުން ފްލެޓް ގަންނަން ފައިސާ ދެއްކި އެހެން މީހަކު ބުނީ އިމާރާތުގެ މަސައްކަތް ލަސްވެފައިވަނީ، އެ މަސައްކަތާ ހަވާލުވި ކޮންޓްރެކްޓަރު މަސައްކަތް ދޫކޮށްލުމުން ކަމަށް ކުންފުނިން ބުނާ ކަމަށެވެ. އަދި އަންނަ މަހު އެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށް ބުނި ނަމަވެސް، މިހާތަނަށް އިމާރާތުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ވެސް އޭނާ ބުންޏެވެ.
ރާއްޖޭގެ ކުންފުންޏަކާއި ދުބާއީގެ ދެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ސީލައިފަށް އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 2019 ގައި ނިންމާ ގޮތަށެވެ. އެތަނުގައި ފްލެޓްތައް އަޅަނީ ތިން ބްލޮކަކަށް ބަހާލައިގެން، ބްލޮކެއްގައި 1،000 އެޕާޓްމެންޓްމެންޓް ހިމެނޭ ގޮތަށެވެ.
ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދާ އެޕާޓްމަންޓްތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްކުރަނީ: މިހާރު އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދޭ --ފޮޓޯ/ ސީ ލައިފް ގްލޯބަލް
ސީލައިފްގެ ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައި އާއްމުން ޝަކުވާ ކުރާތީ އެ ކުންފުނިން މިދިޔަ އަހަރު ބުނެފައިވަނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ 300 އެޕާޓްމަންޓްގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާނެ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި އަންމަޓީ ވިދާޅުވީ އެ ޕްރޮޖެކްޓް ކުރިޔަށް ނުގެންދެވި ލަސްވީ ލިބެން ޖެހޭ ހުއްދަތައް ނުލިބި ލަސްވެގެން ކަމަށެވެ. ނަމަވެސް ފުރަތަމަ ފިޔަވަހީގައި ހިމެނޭ 14 ބުރީގެ ތިން ޓަވަރުގެ ފައުންޑޭޝަން އެޅުމުގެ ހުއްދަ މިދިޔަ އަހަރުގެ ޖޫން މަހު ލިބުމާ އެކު ފުރަތަމަ ޓަވަރުގެ ފައުންޑޭޝަން އަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ބާކީ ހުރި ދެ ޓަވަރުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އޭރު އޭނާ އޮތީ ވިދާޅުވެފަ އެވެ.
އެކަމަކު ފުރަތަމަ ޓަވަރުގެ ފައުންޑޭޝަނުން ކުޑަތަންކޮޅެއް އެޅުން ފިޔަވައި އިތުރު މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ.
އަންމަޓީ އޭރު ވިދާޅުވި ގޮތުގައި ބުކިން ހަދާފައިވާ މީހުންނަށް މި އަހަރުގެ ޑިސެމްބަރަށް ފްލެޓްތައް ނިންމައި ހަވާލުކުރެވޭނެ އެވެ.
ސީލައިފުން އެޕާޓްމެންޓް ބުކްކުރި މީހުން ފައިސާ ދައްކާފައިވަނީ، އެ މީހަކު ބޭނުން ވެއްޖެ އިރެއްގައި ބުކިން ފައިސާ އަނބުރާ ނެގޭ ގޮތަށެވެ. އެކަމަކު އެގޮތަށް ނަގާ ކަމަށް ވާ ނަމަ، 2،000 ރުފިޔާ ކެނޑޭނެ ކަމަށް އެގްރީމެންޓުގައި ބުނެފައިވެ އެވެ.
ހުޅުމާލޭގައި އެޕާޓްމަންޓާއި ޝޮޕިން މޯލާއި ފުޑް ކޯޓު ހިމެނޭ ގޮތަށް ހަދާ ސީލައިފް ކޮމްޕްލެކްސް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ އެކު ސޮއިކުރީ މާޗް 13، 2014ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ