އޮޅުވާލައިގެން ފައިސާ ހޯދާތީ ސަމާލުވުމަށް ބީއެމްއެލްއިން ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާތީ އެކަމަށް ރައްކާތެރިވުމަށް ބީއެމްއެލްއިން ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފި އެވެ.
ބިއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް އެސްއެމްއެސްއާއި ވައިބާގެ ޒަރިއްޔާއިން ބީއެމްއެލްގެ ނަމުގައި މެސެޖްކޮށް އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބީއެމްއެލްއިން ބުނީ އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ފަރާތްތަކުން އެކަން ކުރަނީ އެކި އެކި އެޕްލިކޭޝަންސްތައް މެދުވެރިކޮށް އެ ފަރާތުން ފޮނުވަ މެސެޖުތައް ލިބޭ ފަރާތްތަކަށް އެ މެސެޖަކީ ބީއެމްއެލްގެ މެސެޖެއް ނުވަތަ ބީއެމްއެލްއާއި ގުޅުންހުރި ނަމްބަރެއްކަމަށް ފެންނަ ގޮތަށް ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އީމެއިލް، އެސްއެމްއެސް ނުވަތަ ފޯން ކޯލް މެދުވެރިކޮށް ކާޑު ނަމްބަރު، ސީވީސީ ކޯޑް، ކާޑްގެ މުއްދަތު ހަމަވާ ތާރީހް އަދި އޯޕީޓީ މައުލޫމާތު އޮޅުން ފިލުވުމަށް އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.
ބިއެމްއެލްއިން ވަނީ މިފަދަ ކޯލް އަދި މެސެޖްތަކަށް ޖަވާބު ނުދިނުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ބީއެމްއެލްއިން ބުނީ ކޭޝް ކާޑުގެ މައުލޫމާތު ހޯދުމަށް އެ ބޭންކުން އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެ ކަމަށެވެ. އަދި އެފަދަ މައުލޫމާތު ހޯދަނީ ބޭންކުން ކަމުގައި ކަސްޓަމަރަކަށް ހީވި ނަމަވެސް ކާޑްގެ އެއްވެސް މައުލޫމާތެއް ނުދިނުމަށް ބީއެމެއެލްއިން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ