ރައީސް މައުމޫން އާއި ކުރީގެ ދެ ފަނޑިޔާރުންގެ ބަންދާ މެދު ގޮތެއް ނިންމުން ފަސްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަންދުގެ މުއްދަތަށް ގޮތެއް ނިންމުން ފަސްކޮށްފިއެވެ.
އެ ތިން ބޭފުޅުން ވަނީ ރޭގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރައްވާފައެވެ. އެ ބޭފުޅުންގެ މުއްދަތާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރެއްވުމަށްފަހު އެ މައްސަލަ ވަނީ އެހެން ދުވަހަކު ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.
އެ ބޭފުޅުން ރޭގައި ކޯޓަށް ހާޒިރުކުރައްވާފައިވަނީ އެ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކުރިން ނެރެފައިވާ އަމުރު ރިވިއު ކުރަން އެ ބޭފުޅުންގެ ފަރާތުން ހުށަހެޅުމުންނެވެ.
އެ ތިން ބޭފުޅުންގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އާއި ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ވަނީ ރޭގައި ކޯޓަށް ހާޒިރުކުރައްވާފައެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލަ އެހެން ދުވަހަކަށް ފަސްކޮށްފައިވަނީ އެ ބޭފުޅުންގެ މައްޗަށް އެކި މުއްދަތުގެ ޖަލު ހުކުމްތައް އައިސްފައި ވަނިކޮށް، އެ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރު ބާތިލް ކުރިޔަސް، އެ ބޭފުޅުން ބަންދުން މިނިވަން ނުވާނެތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ