މެމްބަރު ޝަހުދީ އަލުން ޖޭޕީއަށް

ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އަލުން ޖުމްހުރީ ޕާޓީ އާއި ގުޅިވަޑައިގެންފިއެވެ.
ޝަހުދީ ވަނީ އަލުން ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު ފޯމު ޖޭޕީގެ ނައިބް ރައީސް އަލީ ވަހީދާ ހަވާލު ކުރައްވާފައެވެ.
ޖުމްހުރީ ޕާޓީގެ ޓިކެޓުގައި ހަނިމާދޫ ދާއިރާއަށް އިންތިހާބުވި ޝަހުދީ ވަނީ 2016 ވަނަ އަހަރު ޖެނުއަރީ މަހު ޖޭޕީން ވަކިވެ ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ.
ޝަހުދީ ޕީޕީއެމްއިން ވަކިކުރީ މިދިޔަ އަހަރު ޖޫން މަހު މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު އާއި ދެކޮޅަށް ޕެޓިޝަނުގައި ސޮއި ކުރިމައްސަލާގައެވެ. ޕީޕީއެމްއިން ވަކިކުރުމާއި ގުޅިގެން އޭރު ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ޝަހުދީގެ ގޮޑި ގެއްލުނުކަމަށް އިލެކްޝަން ކަމިޝަނުން ނިންމުމާއި ގުޅިގެން އަހަރަކަށް ވުރެ ގިނަ ދުވަހު މަޖްލިސްއަށް ނުވަދެވި ހުންނަން ޖެހުނެއެވެ.
ޝަހުދީގެ ގޮޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން އަލުން ނިންމުމާއި ގުޅިގެން މިހާރު ގެންދަވަނީ ހަނިމާދޫ ދާއިރާ ތަމްސީލު ކުރައްވަމުންނެެވެ. ޝަހުދީ އާއި އެކު އިތުރު 11 މެމްބަރަކަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓު ދޭން ކޯލިޝަނުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ