މައުމޫން ޕީޕީއެމުން ވަކިވެ ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކިވެ ވަޑައިގެންފިއެވެ.
މައުމޫން މިއަދު ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެންނެވުމަށް އެ ޕާޓީގެ ރެޖިސްޓްރާ އަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
އެ ސިޓީފުޅުގައި މައުމޫން ވިދާޅުވެފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޕީޕީއެމް ހިންގަމުން ގެންގޮސްފައިވަނީ އަދި މިހާރުވެސް ހިންގަމުންދަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.
"އެ މުއްދަތުގެ ތެރޭގައި ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ހިންގާފައިވާ އެތައް ކަމެއްގެ ތެރެއިން އެއް ކަމަކީ އަސާސީ ގަވާއިދާ ހިލާފަށް އަޅުގަނޑު ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް ބުނެ ނިންމާފައިވާ ނިންމުމެވެ. އަޅުގަނޑު ޕީޕީއެމުން ވަކިކުރުކަމަށް ބުނެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެކަމަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި ހިލާފަށްކަމުން، ޕީޕީއެމުން ވަކިވެފައިވާކަމަށް އަޅުގަނޑު ނުދެކެމެވެ. އެހެނީ، ބާތިލު އިޖުރާއާތެއްގެ މައްޗަށް ތަރައްތުބުވެގެން އަންނަ ކޮންމެ ކަމެއް ވެގެންދާނީ ބާތިލު ކަމަކަށެވެ" މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
މައުމޫން ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ހޯދައިދިނުމުގެ މަގުސަދުގައި އެމަނިކުފާނު އުފެއްދެވި ޕާޓީގެ މަގުސަދުތައް މިއަދު ހާސިލުކުރެވުމަކުން ނުދުއެވެ. އެގޮތުން ޕާޓީގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އަދި ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
"އެހެންކަމުން ރައްޔިތުންނަށް ގެއްލުންހުރި އެންމެހައި ކަންކަމުން ދުރުވެގަތުމަކީ އަޅުގަނޑަށް ލިބޭ އުފަލަކަށްވީހިނދު، މިއަދު ތިޔަ ޕާޓީން ވަކިވުމުގެ އުފަލާއި ހިތްހަމަޖެހުން ލިބިގަންނަމެވެ. ވީމާ، ޕީޕީއެމްގެ ދަފްތަރުން އަޅުގަނޑުގެ ނަން އުނިކޮށް ދެއްވުން އެދެމެވެ" މައުމޫން ވިދާޅުވެފައިވެއެވެ.
އިތުރު ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ