މިއަހަރު ދުނިޔޭގައި ހިނގި ބޮޑެތި ކަންތައްތައް ހިމަނައިގެން "ޓައިމްސް އޮފް އިންޑިއާ" އިން އެކުލަވާލި ލިސްޓެއްގެ އެއްވަނައިގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހު ނެރުނު އާދަޔާއި ހިލާފު އަމުރު ލިސްޓް ކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޙުކުމް ތަންފީޒު ކުރަމުން ދިޔަ ނުވަ ގައިދީއަކު ވަގުތުން މިނިވަން ކުރަން އަމުރުކޮށްފައެވެ. އަދި އޭރު މަޖިލިސް މެންބަރުކަން ގެއްލިފައިވާ ކަމަށް ނިންމާފައިވާ މެންބަރުންގެ މެންބަރުކަން ނުގެއްލޭ ކަމަށް ވެސް އަމުރުގައި ވެއެވެ.
ކުއްލިއަކަށް ނެރުނު އަމުރާއި ގުޅިގެން ގައުމު ހުއްޓުމަކަށް އައިސް، ޖިނާޢީ އަދުލުގެ ނިޒާމް އޮޅުން ބޮޅުންވެގެން ދިޔައެވެ. ނަމަވެސް އަމުރު ނެރުނުތާ ފަސް ވަނަ އަށްވީ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރިއެވެ. އަދި ސުޕްރީމް ކޯޓުން އަމުރު ބާތިލް ކުރިއެވެ.
ޝަރީޢަތެއް ކުރުމެއް ނެތި، އަޑުއެހުމެއް ވެސް ނުބާއްވާ، ކުއްލިއަކަށް ކުށްވެރިންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓަކުން އަމުރު ކުރުމަކީ މުޅި ދުނިޔެއަށް ބެލި ނަމަވެސް އަލަށް ހިނގި ކަމެކެވެ.
އިންޑިއާގެ ނޫހުން އެކުލަވާލާފައިވާ މިއަހަރު ދުނިޔޭގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރޭގައި ފްރާންސްގައި ހިނގަމުންދާ މުޒާހަރާތަކާއި، ޕާކިސްތާންގައި ބޭއްވި އާންމު އިންތިޚާބު ވެސް ލިސްޓް ކޮށްފައި ވެއެވެ. މީގެ އިތުރުން ދާދިފަހުން ސްރީލަންކާގައި ހިނގި ސިޔާސީ ކަންތައްތަގަނޑު ވެސް ވަނީ ލިސްޓް ކޮށްފައެވެ.
ދުނިޔޭގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ލިސްޓް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ