ދައުލަތުގެ ކުރިމަތީ ގޭންގުތަކަކީ "ހައްޕުނޑު": އުމަރު

ދައުލަތުގެ ބާރުތައް ކުރިމަތީ ގޭންގުތަކަކީ "ހައްޕުނޑު ކަމަށާއި ހަމައެކަނި ބޭނުންވަނީ އަޒުމު ގަދަ ވެރިއެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"އަވަސް ހުކުރު" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ގޭންގުތަކުގެ "މޫތައް" ސިޔާސީ މީހުންގެ ތެރޭގައާ، ރައްޔިތުންގެ މަޖިލީހުގައާއި ޝަރުއީ ދާއިރާ އަދި ދައުލަތުގެ ތެރެއަށް ވެސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ. އެކަން އެނގެނީ އޭނާ ހޯމް މިނިސްޓަރު ކަމުގައި ހުރެ ގޭންގުތަކުގެ މޫތަކަށް ދަމާލުމުން އެފަދަ ތަންތަނުން އަޑު ކިޔަން ފެށި ކަމަށާއި ފިއްތުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް އުމަރު ވިދާޅުވި އެވެ. އެ މައްސަލާގައި ހޯމް މިނިސްޓަރު އަތުން ގިނަ ބާރުތަކެއް ނެގި ކަމަށާއި ނަމަވެސް "ކަނާއަތް ފަހަތަށް ބަނދެގެން" ހުރެ ވެސް ގޭންގުތައް މައިތިރި ކުރި ކަމަށް އުމަަރު ވިދާޅުވި އެވެ.
ރާއްޖޭ އަމާން ގައުމަކަށް ހެދުމަށް އެއްވެސް ސިޔާސީ ލީޑަރަކަށް ނުކެރޭނެ ކަމަށާއި އެ ވަރުގެ ހިތްވަރާއި ގަޓެއް އެ ފަރާތްތަކުގެ ނުހުންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ. ހަމަ އެފަދައިން ކޮރޮޕްޝަން ނައްތާލުމާއި ގޭންގުތައް ރޫޅާލުމުގެ ހިތްވަރެއް މިހާތަނަށް އެއްވެސް ސިޔާސީ ލީޑަރެއްގެ ކިބައިން ނުފެންނަ ކަމަށާއި ރާއްޖޭގައި ގޭންގުތަކަށް ހަމަލާއެއް ދިނީ އޭނާގެ ހޯމް މިނިސްޓަރު ކަމުގައި އެކަނި ކަމަށް އުމަަރު ވިދާޅުވި އެވެ.
ގޭންގަކީ އެއްވެސް އެއްޗެއް ނޫން، އެއީ ހަމަ ހައްޕުނޑު އިނގޭތޯ، ދައުލަތުގެ ބާރުތައް ކުރިމަތީގަ އެއްވެސް އެއްޗެއް ނޫން، ހަމައެކަނި ބޭނުން ވަނީ އަޒުމު ވަރުގަދަ ވެރިއެއް ނުވަތަ ހޯމް މިނިސްޓަރެއް
އުމަރު ނަސީރު
"ކޮން ސިޔާސީ ލީޑަރަކަށްތޯ ކެރޭނީ ގޭންގުތައް ރޫޅާލަން، ގޭންގުތައް ރާއްޖޭގައި އޮޕަރޭޓު ކުރާތާ 15 އަހަރުވީ ނޫންތޯ ގާތްގަނޑަކަށް މިހާރު، ބޮޑެތި ސިޔާސީ ގޭންގުތައް އުފެދިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކާ، އެ މީހުންގެ އަތް މަޖިލީހާއި ޖުޑިޝިއަރީ ތެރެއަށް ވަދެ ހަދާތާ ކޮން ޒަމާނެއްތޯ މިހާރު، އެއްވެސް ސިޔާސީ ލީޑަރަކަށް ކެރުނުތޯ ރޫޅާލަން އެ މީހުން،" އުމަރު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ޓެގު އަޅުވައި ގޭންގުތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް ގޭންގުތަކުގެ ނުފޫޒު އޮންނަ ފަރާތްތަކާ ހަމަޔަށް ދާން ނުކެރޭނެ ކަމަށާއި އެއަ ހަމަޔަށް ދަންޏާ ފޯން ކޯލުތަކާއި ބޮޑެތި ޕްރެޝަރުތަކެއް އަންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެއީ ރައީސް ސޯލިހުއަށް ހަމައަކަށް އެޅުވޭނެ ކަންކަމެއް ނޫން ކަން ވެރިކަމަށް ވަޑައިގެން އަމަލުތައް ހުރި ގޮތުން ވެސް އެނގޭ ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް އޭނާ އިންތިހާބުވެއްޖެ ނަމަ ތިން މަސް ތެރޭގައި ރާއްޖޭގެ އެއްވެސް މީހަކު ގޭންގުތަކުގެ ވާހަކަ ނުވެސް ދައްކާނެ ކަމަށެވެ. ގޭންގުތައް އޮންނާނީ "ފުނޑިގެން ނިމިފައި" ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މަރުގެ އަދަބު ވެސް ތަންފީޒު ކުރައްވާނެ ކަމަށާއި އެއިން އެއްވެސް ކަމެއް ކުރާކަށް ޖެހިލުމެއް ނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރާނެ ސިޔާސީ ޝަހުސިއްޔަތެއް އަދި މިހާތަނަށް ނުފެންނަ ކަމަށާއި އެފަދަ ޝަހުސިއްޔަތެއް ފެންނަ ދުވަހަކުން އެ މީހެއްގެ ފަހަތުގައި ހުންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް އެ ދުވަހެއް ނުފެންނަހާ ހިނދަކު ރާއްޖޭގެ ވެރިކަމަށް އައިސް އެ މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ