ރައީސް ޔާމީން ބިނާކޮށްދެއްވި ހުރަވީ ސްކޫލް ރައީސް ސޯލިހު ހުޅުވައިދެއްވައިފި

ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ތަރައްގީ ޔަގީން ސަރުކާރުން ހުޅުމާލޭގައި ބިނާކުރި ރާއްޖޭގެ އެެންމެ ބޮޑު ސްކޫލް ކަމުގައިވާ ހުރަވީ ސްކޫލް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.ރައީސް ޔާމީން 2013ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ތަފާތު ގޮތްތަކުން ރާއްޖެއަށް ކުރިއެރުން ހޯދައިދީ ދިވެހިރާއްޖެ ހުރިހާ ރޮގަކުން ތަރައްޤީ ކުރެއްވުމުގެ ޚިޔާލުފުޅާއެކުގައެވެ. އެގޮތުން އުމާރާނީ ގޮތުންނާއި އިގްތިސާދީ ގޮތުން އެމަނިކުފާނު ވަނީ ރާއްޖެ ދުވަހަކުވެސް ނުދެކޭ ފަދަ ކުރިއެރުންތައް ހޯއްދަވާދެއްވާފައެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި ތަޢުލިމީ ދާއިރާއަށް ވަނީ ނުހަނު ބޮޑު އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވާފައެވެ. އެގޮތުން މުދައްރިސުންނަކީ ވަކި ސަނަދެއް ހާސިލްކޮށްފައިވާ މުދައްރިސުންނަށް ހަދައި ކިޔަވާ ކުދިންގެ މުސްތަގުބަލް ބައްޓަންކުރުމަށް ތަފާތު ދާއިރާތައް ހުޅުވާލެއްވިއެވެ. އެގޮތުން އެމަނިކުފާނު ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް މަޝްރޫއަށް ހުޅުމާލޭގައި ޤާއިމުކުރި ހުރަވީ ސްކޫލް ވެގެންދާނެއެވެ. އެ ސްކޫލަކީ މިހާތަނަށް ރާއްޖޭގައި ބިނާކޮށްފައިވާ އެންމެ ބޮޑު ސްކޫލެވެ. ތަފާތު ޓެކްނޮލޮޖީ ބޭނުންކޮށް އެންމެ ފަހުގެ ވަސީލަތްތައް ޤާއިމުކޮށްފައިވާ އެ ސްކޫލަކީ ޖުމްލަ ސޯޅަހާސް އައްޑިހަ ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އެ ސްކޫލުގައި އެންމެ ޒަމާނީ ލެބޯޓްރީ ޤާއިމްކޮށްފައިވާއިރު އެ ސްކޫލަކީ ގްރޭޑް އެކަކުން ފެށިގެން ބާރައަށް ކިޔެވޭނެ ސްކޫލެކެވެ. ކިޔަވާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ދެއްވުމަށްޓަކައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދެއްވާ ޙާއްސަ އިސްކަމުގެ ތެރެއިން އެ ސްކޫލު ފަރުމާ ކުރެވިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންނެވެ. އެގޮތުން އެކުދިން ސްކޫލުގެ އެކި ފަންގިފިލާތަކަށާއި ލެބޯޓްރީ އަދި ސްކްލޫގެ އެހެނިހެން ތަންތަން ބޭނުން ކުރުމަށް އަރާ ފޭބުމުގައި އެ ކުދިންނަށް ހާއްސަ ކޮށްފައިވާ ލޭންތަކެއް ވަނީ ސްކޫލުގައި ގާއިމްކުރެވިފައެވެ. ހުރަވީ ސްކޫލް ނިމި އެ ސްކޫލުގެ ކިޔެވުން މިއަދު ފެށިގެން ދާއިރު އެމަނިކުފާނުގެ ތަރައްޤީ ސްކޫލުގެ ކޮންމެ ދިމާލަކުންވެސް ފެންނަން ހުންނާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން ޝަރަފުގައި އެކިއެކި މަޝްރޫޢުތަކުގެ ނިންމުން ފާހަގަކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު އެ އިފްތިތާހު ކޮށްދެއްވަނީ ރައީސް ޔާމީން މި ޤައުމުގައި ހިންގަވާފައިވާ މަޝްރޫޢުތަކެވެ. ރައީސް ޔާމީން ދިވެހި ކިޔަވާ ދަރިވަރުންނަށް އުފާވެރި މުސްތަގުބަލެއް ހޯއްދަވައިދެއްވުމަށް ކުރައްވާފައިވާ ބުރަ މަސައްކަތްތަކަށް މިއަދު ދިވެހިން ޝުކުރުވެރިވާންޖެހެއެވެ. އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ޒަޢާމަތުގައި ތަފާތު ދާއިރާތަކުން ރާއްޖޭގައި ތިބެ ކިޔަވަން ބެނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހޯއްދަވައި ދެއްވާފައެވެ. މީގެ ކުރިން ބޭރު ޤައުމުތަކުން ނޫނީ ނެހެދޭ ފަދަ ކޯސްތައް މިހާރު ރާއްޖެއިން ހެދޭ ކަމީ ދިވެހިން އުފާވާ ކަމެކެވެ. މި ސަރުކާރުން ދަރިވަރުން އާއިލާތަކާއި ދުރަށް ފޮނުވައިގެން ކިޔަވައިދޭން ބޭނުންވާކަމަށް ހާމަކުރެއްވި ނަމަވެސް އެކުދިންގެ އުދާސްތައް ދަނެ އެކުދިންނަށް ރަނގަޅު ގޮތް ހޯއްދަވައިދެއްވާނީ ހިންގުތެރި ވެރިއެއްކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ރައީސް ޔާމީން ވެރިކަމުން ވަކިވެވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ތަރައްޤީގެ ނިޝާންތައް މުޅި މި ޤައުމުން ވިދާލާ ކަމީ ބަދަލު ނުކުރެވޭނެ ހަގީގަތެކެވެ. ތަޢުލިމީ ދާއިރާ ނަގައި ކޮޅަށް ޖެއްސެވި ވެރިއަކީ ރައީސް ޔާމީންކަމީ ދެބަސް ވެވޭނެ ކަމެއްނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ