ކޮވިޑް ސާމްޕަލް ނަގަން ހުރި މީހަކަށް މެމްބަރު އިކްރާމް ހަމަލާދިން މައްސަލައެއް ބަލަނީ

ކޮވިޑް ސާމްޕަލް ނަގަން ހުރި އަންހެނަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ވަކި މީހެއްގެ ނަން ހާމަނުކޮށް ފުލުހުން މިރޭ ބުނީ ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ ތެރޭގައި ސާމްޕަލް ނަގަން ހުރި މީހާއަށް ހަމަލާދިން މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެމައްސަލައާ ގުޅިގެން އިކްރާމް، އޭނާގެ ފޭސްބުކް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، މާފަންނު މަދަރުސާގައި ސާމްޕަލް ނަގަން ހުރި ކުއްޖާ، އޭނާގެ ނޭފަތް ތެރެއަށް ކަފަބުރު ކޮއްޕި ގަޑީގައި ތަދުވެގެން، އެކަފަބުރު ނެރުމަށް އެ ކުއްޖާގެ އަތް ދުރަށްލި ކަމަށެވެ. އަދި އެތާ ކެމެރާ ހުރިނަމަ ކަންހިނގައި ދިޔަގޮތް ސާފުވާނެ ކަމަށް ވިދާޅުވި އެވެ.
"އަދި ވަރަށް ރުޅި އައިސް ބުނެވުނު މިހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނަގަން ބައިތިއްބަން ނުވާނެ ކަމަށް. އަދި އޭނާއަށް ކިޔަނީ ކޮން ނަމެއްތޯ ވެސް އެހުނު. ނަމެއް ނުބުނެ. މިއަށްވުރެ ބޮޑު ކަމެއް ނުހިނގާ،" އިކްރާމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މީގެ ކުރިން ވެސް އައިޖީއެމްއެޗްގައި ޕީސީއާރު ޓެސްޓެއް ހެދި ކަމަށާއި އެކަން ކުރީ ވަރަށް އޯގާތެރިކަމާއެކު ކަމަށެވެ. އެހެންކަމުން އޯގާތެރިކަމާއެކު ޕީސީއާރު ޓެސްޓް ހެދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ