އެންމެ ފަހުން މާލެ ސިޓީ ކައުންސިލުން މުސާރަ އާންމުކޮށްފި

މާލޭ ސިޓީ ކައުންސިލުގެ މުސާރައާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތު ހިއްސާ ކުރުމަށް އެންގުމުން އެންމެ ފަހުން ސިޓީ ކައުންސިލުން މުސާރައިގެ ތަފްސީލްތައް އާންމުކޮށްފި އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރްޓީއައި (ރައިޓް ޓު އިންފޮމޭޝަން) ފޯމެއް ހުށަހަޅައިގެން މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންނާއި މުވައްޒަފުންގެ މުސާރައިގެ މައުލޫމާތު ހޯދަން އަހުމަދު އައިމަން ލަތީފު ހުށަހެޅީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އައިމަން އެ މައުލޫމާތު ހޯދަން އެދުމުން ސިޓީ ކައުންސިލުން ބުނީ އެ މައުލޫމާތު ކައުންސިލުގެ ވެބްސައިޓުގައި އާންމު ކުރާނެ ކަމަށެވެ. ނަމަވެސް، ވެބްސައިޓުގައިވެސް އެ މައުލޫމާތު އާންމު ކޮށްފައި ނުވުމުން އައިމަން އެ މައްސަލަ ހުށަހެޅީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ. ދައުލަތުގެ އިދާރާއަކަށް އާރްޓީއައި މެދުވެރިކޮށް މައުލޫމާތު ހޯދަން ހުށަހެޅުމުން އެ މައުލޫމާތެއް ކޮންމެހެންވެސް ދޭން ޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ. މައްސަލައިގައި މިދިޔަ ބުދަ ދުވަހު އިންފޮމޭޝަން ކޮމިޝަނުން އަޑުއެހުމެއް ބޭއްވި އިރު، ސިޓީ ކައުންސިލު ތަމްސީލުކުރި އެތަނުގެ އެސޯސިއޭޓް ލީގަލް ކައުންސެލް އަލީ ނަސީރު ގާސިމް ވިދާޅުވަމުން ގެންދެވީ ކައުންސިލުން އަހަރުގެ ފަހުކޮޅު ނެރޭ އަހަރީ ރިޕޯޓުގައި އެ މައުލޫމާތުތައް ހާމަކުރާނެ ކަމަށެވެ. މުސާރައިގެ މައުލޫމާތު ހިއްސާކުރުމަށް ކަނޑައަޅާފައިވާ ފަހުގެ މުއްދަތަކީ މިއަދެވެ. މިއަދު ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ވަނީ މުސާރައިގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އެގޮތުން ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އަދަދު ވަކި ވަކީން ވަނީ ކައުންސިލުން ހާމަކޮށްފަ އެވެ. މާލޭ ސިޓީ ކައުންސިލުގެ ތަފާސްހިސާބުން ދައްކާގޮތުގައި ކޮންމެ މަހެއްގެ މައްޗަށް އެތަނުގެ ދިވެހި މުއްޒަފުންނަށް މުސާރަ ދިނުމަށްޓަކައި 2.68 މިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އަދި ބިދޭސީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 1.64 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ހޭދަކުރަން ޖެހޭ ކަމަށްވެސް އެ ކައުންސިލުގެ ތަފާސްހިސާބުން އެނގެ އެވެ. މާލޭ ސިޓީ ކައުންސިލުގައި ޖުމްލަ މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދަކީ 524 އެވެ. އޭގެތެރޭގައި ހިމެނެނީ 332 ދިވެހި މުވައްޒަފުންނާއި 192 ބިދޭސީ މުވައްޒަފުންނެވެ. މުސާރައިގެ ބޮޑު ބައެއް، ކައުންސިލު މެމްބަރުންނަށް ހޭދަކުރާކަން ތަފާސްހިސާބުން ހާމަވެ އެވެ. އެގޮތުން ކައުންސިލު މެމްބަރުންނަށް ކޮންމެ މަހެއްގެ މައްޗަށް 382،500 ރުފިޔާ ހޭދަކުރަން ޖެހެ އެވެ. ސިޓީ ކައުންސިލުގެ މޭޔަރަށް 47،500 ރުފިޔާ ލިބޭއިރު ޑެޕިއުޓީ މޭޔަރަށް 35،000 ރުފިޔާ ލިބެ އެވެ. ބާކީ 10 ކައުންސިލް މެމްބަރުންނަށް ކޮންމެ މަހަކު 30،000 ރުފިޔާ ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ