ސްރީލަންކާގެ ޓްރިންކޮމެލީގެ އިރު ދެކުނުން 400 ކިލޯމީޓަރު ދުރުގައި އުފެދުނު ތޫފާން “ބުރެވި” ގެ އަސަރު މިއަދު ހަވީރުން ފެށިގެން ރާއްޖެއަށް ކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
އެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު ތޫފާނު ”ބުރެވި” އަށް ބަދަލުވީ ރޭގެ ވަގުތެއްގައެވެ. މި ތޫފާނު ދަތުރު ކުރަމުން ދަނީ ލަންކާ ހުރަސްކޮށް ދެކުނު އިންޑިއާގެ އައްސޭރި ފަށާއި ކައިރި އަށެވެ.
ތޫފާނު “ބުރެވި” ގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
އެ އިދާރާއިން ލަފާ ކުރާގޮތުގައި މި ހަފްތާ ބަންދު ނިމެންދެން ”ބުރެވި“ ގެ އަސަރު ރާއްޖެއަށް ކުރާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރުވެސް މި ތޫފާނުގެ އަސަރާއި އެކު ރާއްޖެއަށް ކުރާނެ އެވެ.
އެ އިދާރާއިން ދަނީ މި ތޫފާނާއި ކޮޅިގަނޑަށް އަންނަމުންދާ ބަދަލުތައް ވަރަށް ގާތުން ބަލަމުން ކަމަށް ބުނެ އެވެ. އެގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އެކު އިންޒާރާއި ސަމާލުތައް ނެރެމުންދާނެ ކަމަށާއި އެކަމަށް އާންމުން ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައިވެ އެވެ.
ތޫފާން ”ބުރެވި“ގެ އަސަރު މިއަދު ހަވީރު ކުރާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ