ކަރަންޓް ބިލްތަކަށް މިލިއަނުން ފައިސާ ލިބެން ޖެހޭ: އެސްޔޫއެލް

އައްޑޫގައި ހުރި ސަރުކާރުގެ އެކި މުއައްސަސާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަރަންޓް ބިލްތަކަށް ދައްކަން ޖެހޭ މިލިއަނުން ގުނާލެވޭ އަދަދަށް ހުރި ފައިސާ ނުލިބި އެބަހުރި ކަމަށާއި އެކަމާ ހެދި ހިދުމަތް ދޭން ވެސް ދަތިވާ ހިސާބަށް ގޮސްފައިވާ ކަމަށް ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން ބުނެފި އެވެ.
އެ ކުންފުނީގެ ކަސްޓަމާ ރިލޭޝަން ޑިރެކްޓަރު ސައުދުﷲ ހަމީދު ބުރާސްފަތި ދުވަހު ވިދާޅުވީ ބައެއް ތަންތަނުން ކަރަންޓް ބިލް ނުދައްކައި ގިނަ ދުވަސްތަކެއް ހޭދަވިއިރު ވަރަށް ބޮޑެތި އަދަދުތަކުން ބިލްތަކަށް ފައިސާ އެސްޔޫއެލް އަށް ދައްކަން ޖެހޭ ކަމަށެވެ.
"އެހެން ނަމަވެސް ސަރުކާރުގެ މުއައްސަސާތަކުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ކަރަންޓް ބިލް ނުދައްކާތީ ބޮޑެތި އަދަދުތަކުން ބިލްތަކަށް ފައިސާ ލިބެން ޖެހިފައި އެބަހުރި. އެ ފައިސާ ނުލިބި ދިގުލަމުން ދާތީ އަޅުގަނޑުމެންނަށް ހިދުމަތް ދޭން ދަތިވާ ހިސާބަށް މި މައްސަލަ މިހާރު ވަނީ ބޮޑުވެފައި،" އޭނާ ވިދާޅުވި އެވެ. "އެހެންވެ
އެފަދަ ތަންތަނަށް މިހާރު އަންގާފައި ވާނެ ބަރާބަރަށް ކަރަންޓް ބިލަށް ފައިސާ ނުދައްކާ ކަމަށް ވަންޏާ ކަރަންޓް ކަނޑާލެވޭނެ ކަމަށް."
ސައުދު އިތުރަށް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަރަންޓް ބިލް ނުދެއްކި ނަމަވެސް، ކަރަންޓް ކަނޑާލެވޭނެ އުސޫލެއް ކުރިން ނޯންނަ ކަމަށެވެ. އެހެން ނަމަވެސް އަންނަ މަހުން ފެށިގެން ހުރިހާ ބަޔަކާ ދޭތެރޭ އަމަލު ކުރާނީ އެއް އުސޫލަކުން އެއް ހަމައަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އޮތް ގޮތުން ވެއްޖިއްޔާ އާންމު ތަންތަނުން ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލާ އިރު، އެފަދަ ތަންތަނުން ]ސަރުކާރުގެ އެކި މުއައްސަސާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން[ ކަރަންޓް ކަނޑާލެވޭނެ އުސޫލެއް ނެތް ހަމަޖެހިފައެއް. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އެކަހަލަ އުސޫލެއް އޮންނާތީ އެ ފަރާތްތަކުން ކަރަންޓް ބިލް ދައްކަން އެހާ ބޮޑަށް ސަމާލު ކަމެއް ނުދެނީ ކަމަށް. އެކަމަކު ބޮޑެތި އަދަދުތަކުން ހުރި ބިލްތައް ނުދައްކާތީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ދަތިވޭ އެބަ. މިއީ ތެޔޮ އަންދައިގެން ދޭ ހިދުމަތަކަށް ވާތީ ފައިސާ ނުލިބި ހުންނާތީ ތެޔޮ ގަންނަން ވެސް ކުންފުންޏަށް އެބަ
ދަތިވޭ،" ސައުދު ވިދާޅުވި އެވެ. "އެހެން ނަމަވެސް އަންނަ މަހުގެ އެކަކުން ފެށިގެން ކަރަންޓް ބިލް ނުދައްކާ ހުރިހާ ފަރާތްތަކާ މެދު އަޅުގަނޑުމެން އަމަލު ކުރަމުން އަންނާނީ އެއް ހަމައަކުން އެއް އުސޫލެއްގެ ދަށުން. އޭރުން ސަރުކާރުގެ މުއައްސަސާއަކަށް ވިޔަސް އަދި ކުންފުންޏެއް ވިޔަސް އެތަނަކުން ކަރަންޓް ބިލް ނުދައްކާ ކަމަށް ވަންޏާ ކަރަންޓް ކަނޑާލެވޭނެ."
"ހަވީރަ"ށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ބޮޑެތި އަދަދުތަކަކާ އެކު ކަރަންޓް ބިލް ނުދައްކައި ހުރި ތަންތަނުގެ ތެރޭގައި ސަދަން ހެލްތު ސާވިސަސް ކޯޕަރޭޝަން (އެސްއެޗްއެސްސީ( ގެ ދަށުން ހިންގާ ތަންތަނާއި ބައެއް ސްކޫލްތައް ވެސް ހިމެނެ އެވެ.
މިކަމާ ބެހޭ ގޮތުން އެސްއެޗްއެސްސީގެ ޑިރެކްޓަރު އިބްރާހީމް ސޮބްރީ ބުރާސްފަތި ދުވަހު ވިދާޅުވީ ފައިސާގެ ތާށިކަމާ ހުރެ ގިނަ އަދަދެއްގެ ކަރަންޓް ބިލްތަކެއް ނުދެއްކި ހުންނާނެ ކަމަށެވެ.
އެހެން ނަމަވެސް އެއީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވާތީ އެސްޔޫއެލް އިން ވެސް "ކޯޕަރޭޝަނަށް ދެރަވާނެ ގޮތަކަށް އަމަލު ކުރާނެ ކަމަކަށް ގަބޫލް ނުކުރައްވާ ކަމަށް" ސޮބްރީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ