ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިއަކު ބައްޝާރުގެ ސިފައިންގެ މީހެއްގެ މަސްކައިފި

ވޮޝިންޓަން (މޭ 15): ސޫރިޔާގައި ހިގަމުންދާ އަހްލީ ހަނގުރާމައިގާ އިދިކޮޅު ހަނގުރާމަވެރިއަކު ރައީސް ބައްޝާރުލްއަސަދަށް ވަފާތެރި ސިފައިންގެ މީހަކު މަރާލައި އެމީހާގެ މަރުވެފައިވާ ހަށިގަނޑު ކޮށައި ބުރިބުރި ކޮށްލުމަށް ފަހު އޭނާގެ ބައެއް ގުނަވަންތައް ކައިފި އެވެ.
އިންސާނިއްޔަތާ ޚިލާފު މިޖަރީމާ ހިންގި ކަމަށް ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ލީޑަރެއް ކަމަށްވާ ޚާލިދުލްޙަމަދު ނަމަކަށްކިޔާ މީހެކެވެ. މިމީހާ ވަނީސޫރިޔާގެ ސިފައިންގެ ތެރޭގައި ހިމެނޭ ރައީސް ބައްޝާރުލްއަސަދަށް ވަފާތެރި ސިފައިންގެ މީހަކު މަރާލުމަށް ފަހު އެމީހާގެ މަރުވެފައިވާ ހަށިގަނޑު ކުދިކޮށް ކޮށާލުމަށް ފަހު އެމީހާގެ ހިތާއި މޭގަނޑު ވަކިކޮށްލައި އެތަކެތި ކޭ ކަމަށްއަމިއްލަ އަށް އެއްބަސްވެފަ އެވެ. ބައިނަލްއަޤްވާމީ މީޑިޔާތަކުގައާއި ޔޫ ޓިއުބުގައި މިހާރު ވަނީ މިކަމާ ބެހޭ ވީޑިޔޯ އާންމުވެފަ އެވެ.
އެމެރިކާގެ ޓައިމް މަޖައްލާ އަށް ދިން ބަސްދީގަތުމެއްގައި ޚާލިދުލްޙަމަދު އެއްބަސްވެފައިވާ ގޮތުން އިންސާނިއްޔަތާ ޚިލާފު މިނުބައި ޖަރީމާ އޭނާ ހިންގީ ރައީސް ބައްޝާރުލްއަސަދަށް ވަފާތެރި ސިފައިން ސޫރިޔާގެ އަންހެނުން ރޭޕްކޮށް ކުޑަކުދިން މަރައި ޤަތްލު އާންމުތައް ހިންގަމުން ގެންދާތީ އެކަމަށް ބަދަލު ހިފުމުގެ ރޫޙުގަ އެވެ. ސޫރިޔާގެ އިދިކޮޅު ލީޑަރުންނާއި ދުނިޔޭގެ ގައުމުތަކުން ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ މި މީހާ ހިންގި އިންސާނިއްޔަތާ ޚިލާފު މިޖަރީމާ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އިންސާނުންގެ މަސްކެއުމަކީ ހަނގުރާމައިގެ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި އެއްޖަރީމާ ކަމަށް ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނެ އެވެ.
ސޫރިޔާގެ އިދިކޮޅު އިއްތިޙާދުންބުނީ ޚާލިދުލްޙަމަދުގެ މިޢަމަލަކީ އިދިކޮޅު ހަނގުރާމަވެރިން ރައީސް ބައްޝާރުލްއަސަދުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރަމުންގެންދާ ޖިހާދުގެ ނަންހުތުރުކުރުމަށް ހިންގި ނުބައިވެގެންވާ ޢަމަލެއް ކަމަށާއި މިޢަމަލުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ބަރީއަ ވެގެންވާ ކަމުގަ އެވެ. ސޫރިޔާގެ ރަސްމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ މިއީ އިދިކޮޅު ހަނގުރާމަވެރިންގެ ނުބައިކަމާއި އަޚްލާޤީފެންވަރާއި އިންސާނިއްޔަތުކަން ހުރިމިންވަރު ހުރިކަން ދައްކައިދޭ ކަމެއް ކަމަށް ސިފަކޮށްފަ އެވެ.
ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ރަނގަނޅު މަޤްސަދެއްގައި ސޫރިޔާގެ ރައްޔިތުންގެ ދިފާޢުގައި ހަނގުރާމަކުރާ ހަނގުރާމަވެރިން ހިމެނޭ ނަމަވެސް އާންމުން ދިރިއުޅޭ ތަންތަނުގައި ބޮންގޮއްވުމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގައި ޝާމިލްވާ އެތައް ހަނގުރާމަވެރިންނެއް ވެސް އެމީހުންގެ ތެރޭގައި ހިމެނެ އެވެ. އަދި އައްނުސްރާ ނަމަކަށްކިޔާ އަލްޤާޢިދާ އަށް ނިސްބަތްވާ ޖަމާއަތެއް ވެސް އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވަމުންދާ ކަމަށްވެ އެވެ. ސޫރިޔާގެ ހަނގުރާމަވެރިންނަށް ގިނަ ބައެއްގެ ހަމްދަރްދީ ނުލިބުމުގެ އެއްސަބަބަކީ ވެސް މިއީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ