އަބްދުﷲ ރިޔާޒުގެ މައްސަލަ އިސްތިއުނާފުކޮށްފި

އިދިކޮޅު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތު ނުވާ ކަމަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފިއެވެ.
ރިޔާޒުގެ މައްސަލަ އިސްތިއުނާފުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ޕީޖީ އޮފީހުން ވަނީ ވީއެފްޕީއަށް އެކަން ކަށަވަރުކޮށްދީފައެވެ.
ރިޔާޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅި ކަމަށް ބުނެއެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުނެފައި ވަނީ ހެކިބަސްދިން ފުލުހުންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށެވެ.
ހުކުމްގައި ބުނެފައިވަނީ މިއަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެޔޮ މަގުން ރިޔާޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ މައްސަލާގައި އެއްވެސް ހެއްކެއް ނެތި، މޯބައިލް ފޯނު ނުހިފެހެއްޓޭނެ ކަމަށް ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މެންބަރު ރިޔާޒުގެ ފޯނު، ފުލުހުން ހިފެހެއްޓީ ތުހުމަތު ކުރެވޭ މައްސަލާގައި އެއްވެސް ހެއްކެއް ނެތި ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައިގައި ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފައިވާއިރު، މީގެ ކުރިން އެ މައްސަލާގައި ރިޔާޒުވަނީ ފުރަތަމަ ފަހަރަށް ކުދި ކުށްތައް ކުރާ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ދައުވާ އަނބުރާ ގެންގޮސް ދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ރިޔާޒަށް އެ ފުރުސަތު ނުދޭން ޕީޖީންވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ