ދަރިފުޅު މަންމައާ ހަވާލުކުރަން ނެރުނު އަމުރަށް އަމަލުކުރުން ހައި ކޯޓުން ހުއްޓުވައިފި

މަންމަ އަށް ސިއްރުން ބައްޕަ ގެންދިޔަ ފަސް މަހުގެ ދަރިފުޅު އެ
ކުއްޖާގެ މަންމައާ ހަވާލުކުރަން ފެމިލީ ކޯޓުން އަމުރުކޮށްފައިވަނިކޮށް އެ
އަމުރަށް އަމަލުކުރުން ވަގުތީ ގޮތުން ހައި ކޯޓުން މިއަދު ހުއްޓުވައިފި
އެވެ.
ޖަރުމަންގެ ރައްޔިތެއް ކަމަށްވާ ތާނިއާ ޝަރުއާނާއި ސ. މަރަދޫ
ކަންމަތީގޭ އަހުމަދު ޝަރުއާނާ ކައިވެނިކޮށްގެން ލިބިފައިވާ ފަސް މަހުގެ
ކުއްޖާ ތާނިއާއާ ހަވާލުކުރަން ފެމިލީ ކޯޓުން އަމުރުކުރީ ތާނިއާ އަށް
ސިއްރުން އެ ކުއްޖާ ގެންގޮސްފައި ވަނިކޮށެވެ. އެ އަމުރު ނެރުނު ނަމަވެސް
ޝަރުއާން އުޅޭ ވަކި ތަނެއް ނޭނގޭތީ އެ ކުއްޖާ ހަވާލުކުރެވިފައި ނުވާއިރު
ފުލުހުން ވެސް ދިޔައީ ޝަރުއާން ހޯދަމުންނެވެ.
ފެމިލީ ކޯޓުގެ އަމުރު ތަންފީޒުކުރުން ފަސްކުރުމަށް ހައި ކޯޓުން
އަމުރު ނެރުނީ ފެމިލީ ކޯޓުގެ އަމުރު ޝަރުއާންގެ ފަރާތުން އިސްތިއުނާފް
ކުރުމުންނެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވަން އޮތް
ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރަކު ސޮއިކުރައްވައި ނެރެފައިވާ އެ
އަމުރުގައިވަނީ އެ މައްސަލަ ނިމެންދެން ދަށު ކޯޓުގެ އަމުރު ތަންފީޒު ކުރުން
ފަސްކޮށްފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން އެ މައްސަލަ ނިމެންދެން ފެމިލީ ކޯޓުގެ އަމުރު ތަންފީޒު ކުރުން
ފަސްކުރުމަށާއި އަދި އެ އަމުރާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް
އަމުރުކުރާ ކަމަށް ވެސް އަމުރުގައިވެ އެވެ.
ފުލުހުންނަށް ފިލައިގެން އުޅުނު ޝަރުއާން ވެސް މިއަދު ހައި ކޯޓަށް
ދިޔަ އެވެ. އޭނާ ކޯޓަށް ދިޔައީ ވެސް އޭނާގެ ވަކީލާ އެކު އެވެ. އޭނާ ކޯޓަށް
ވަތްކަން ފުލުހުންނަށް އެނގުމާއެކު ފުލުހުން ދިޔައީ އޭނާ ނިކުންނާނެ
އިރަކަށް ކޯޓުގެ ބޭރުގައި އިންތިޒާރު ކުރަމުންނެވެ.
ނަމަވެސް ކޯޓުން ނިކުމެ ޝަރުއާން ވަނީ ހައި ކޯޓުގެ އަމުރު
ފުލުހުންނަށް ދައްކައިފަ އެވެ. ނަމަވެސް ފުލުހުން ވަނީ އިތުރަށް ވާހަކަ
ދައްކާލަން ބޭނުންވާ ކަމަށް ބުނެ ފުލުހުންގެ ވެހިކަލެއްގައި ޝަރުއާން
ގެންގޮސްފަ އެވެ.
ތާނިއާ ވެސް މިއަދު ހައި ކޯޓަށް ދިޔަ އެވެ. އެ އަމުރު ނެރުނުކަން
އެނގުމާ އެކު ކޯޓުގެ ތެރޭގައި ހުރެގެން އޭނާ ވަރަށް ބާރަށް ރުޔެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ޝަރުއާންގެ އާއިލާގެ ގިނަ އަދަދެއްގެ
މެމްބަރުން ވެސް ކޯޓަށް އައިސް ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ