ވެރިކަމުގައި ހުރުމަށް މިއަދުގެ ރައީސް އަބުދުﷲ ޔާމީން ލަދުވެތިވާންޖެހޭކަމަށާ ގައުމުގެ ކަންކަން އިސްލާހު ނުކުރެވޭނަމަ އިސްތިއުފާދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ގާސިމް އިބްރާހިމް މިކަމަށް ގޮވާލެއްވީ މ ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން،ނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މިސަރުކާރު އުފެދުނީ ރައީސް މައުމޫނާއި، އެހެންވެސް ސިޔާސީ އެތަށް ލީޑަރުންނެއް ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ. ނަމަވެސް މިއަދު އެއިން އެއްވެސް ލީޑަރެއްގެ ތާއީދު ރައީސް ޔާމީނަށް ނެތްކަމަށާ މިއަދު ވެރިކަމުގައި ހުރުމަށް ރައީސް ޔާމީން ލަދުވެތިވާންޖެހޭނެކަމަށެވެ.
"ރައީސް މައުމޫން ވިދާޅުވަނީ ތާއީދު އަނބުރާ ގެންގޮސްފީމޭ. އަޅުގަނޑު މި ދަންނަވަނީ ތާއީދު އަނބުރާ ގެންގޮސްފީމޭ. އެހެންވީމަ މި ދަންނަވަނީ މިއަދު ލަދުވެތިވާންޖެހެއޭ ރައީސް ޔާމީން ވެރިކަމުގައި ހުންނެވުމަށް". ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އިދިކޮޅު ޕާޓީތައް ގުޅިގެން މަސައްކަތް ކުރަމުންދަނީ ވެރިކަން ބަދަލުކުރުމަށް ނޫންކަމަށާ މަގްސަދަކީ ގައުމުގެ ކަންކަން ހަމަޔަކަށް އެޅުވުންކަމަށެވެ.
ގައުމުގެ ކަންކަން ހަމަމަގަށް ނޭޅުވޭނަމަ ވެރިކަމުގައި ރައީސް ޔާމީން ހުންނެވުމުގެ ބޭނުމެއް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އިދިކޮޅު ހުރިހާ ލީޑަރުން ވެރިކަން ބޭނުންވާކަމަށް ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަތީ ހައިރާންވެވަޑައިގަންނަވާކަމަށެވެ.
ވެރިކަން ބޭނުންވެގެން މަސައްކަތް ކުރުމަކީ މައްސަލައެއް ނޫންކަމަށާ ނަމަވެސް މިއަދު އުފެދިފައިވާ އިއްތިހާދަކީ ވެރިކަން ހޯދުމަށްވުރެ ބޮޑަށް ގައުމީ މަސްލަހަތު އިސްކޮށްގެން އުފެދިފައިވާ އިއްތިހާދެއްކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވެރިކަން ބޭނުންވެގެން އުޅުމަކީ މައްސަލައެއްތޯއޭ. މައްސަލައެއް ނޫނޭ އިނގޭތޯ ވެރިކަން ބޭނުންވެގެން މަސައްކަތް ކުރުމަކީ." ގާސިމް ވިދާޅުވިއެވެ.
އަދި ގާސިމް އިބްރާހިމް ވަނީ ހުރިހާ ލީޑަރުން ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރެ އެއްބުރުން އިންުތިހާބު ކާމިޔާބު ކޮށްފާނެނޫންތޯ ވިދާޅުވެ ސުވާލް ކުރައްވާފައެވެ.
"ކިހިނެންތޯ މަނިކުފާނަށް (ރައީސް ޔާމީނަށް) އެނގިވަޑައިގަންނަވަނީ މި ހުރިހާ ލީޑަރުންގެ ތާއީދާއެކު އެއް ކެނޑިޑޭޓަކު ނިކުމެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ނުކުރައްވާނެކަން. ކާކަށްތޯ އިނގެނީ. ނޭންގޭނެ ދެއްތޯ." ގާސިމް ވިދާޅުވިއެވެ.
ގާސިމް މިރޭވެސް ވިދާޅުވީ ކިތަންމެ ފިއްތުންތައް ކުރިމަތިކުރުވި ނަމަވެސް އިސްލާހީ މަސައްކަތް ހުއްޓާނުލާނެކަމަށެވެ. އަދި މާތްﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއްދެކެ ބިރު ނުގަންނަކަމަށާ ބަޔަކު ދައްކާ ބިރަކަށް ފަހަތަށް ނުޖެހޭނެކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް ދުވާލަކު ދެފަހަރު ހާޒިރުވާން އެންގި ނަމަވެސް އުފަލާއެކު ދާނެކަމަށާ ނަމަވެސް އެ އިދާރާއަށް ވަންނަ މިންވަރަށްވުރެ ބާރަ ނިކުންނަވާނެކަމަށެވެ.
"އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާއަށް ވަންނަ މިންވަރަށްވުރެ އަވަހަށް ނިކުންނާނަން އިނގޭތޯ. އެއީ ކީއްވެތޯ. އާދެ އެއީ އެބޭފުޅުންވެސް އަދި އަޅުގަނޑަށްވެސް ހަމައާއި އިންސާފު އިނގޭތީ." ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރަށް ގާސިމް ވިދާޅުވީ ގައުމުގެ ތަރައްގީއަށް ދުވަހަކުވެސް ހުރަސް ނާޅުއްވާނެކަމަށާ ނަމަވެސް ތަރައްގީގެ ނަމުގައި ހިންގާ ތަފާތު މަޝްރޫއުތަކުން ކޮރަޕްޝަން މަގު ހުޅިވިގެންދިއުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.
ވެރިކަމުގެ ސައްޙަކަން ވަނީ ގެއްލިފައި: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ