އެންޑްގޭމަށް ފަހު އެންމެ މޮޅު މާވެލް ފިލްމަކީ ގާޑިއަންސް އޮފް ގެލެކްސީ

މާވެލް ސިނެމޭޓިކް ޔުނިވާސްގެ އެެންމެ ވަރުގަދަ ދުވަސްވަރު ކަމަށްވާ "ފޭސް 3" އަށް ފަހު މިހާތަނަށް ނެރޭ އެންމެ ވަރުގަދަ ފިލްމަކީ "ގާޑިއަންސް އޮފް ގެލެކްސީ"ގެ ތިންވަނަ ފިލްމު ކަމަށް ކްރިޓީކުން ބުނަން ފަށައިފިއެވެ. ޑިޒްނީއިން އެންމެ ބޮޑެތި ފްރެންޗައިޒްތައް އުފައްދަމުން އަންނަ ސުޕަހީރޯ ގޮފި ކަމަށްވާ މާވެލްގެ އެންމެ ވަރުގަދަ ނުވަތަ "ޕީކް" ދުވަސްވަރަކީ ފޭސް ތިނެކެވެ. މިއީ މާވެލް އިން 2016 އިން ފެށިގެން 2019 އާ ދެމެދު ނެރުނު އުފެއްދުންތަކެވެ. އަދި ފޭސް ތިނެއްގެ ނިމުން ކަމަށްވާ "އެންޑްގޭމް" އަކީ މިހާތަނަށް މާވެލް އިން ނެރުނު އެންމެ ފުރިހަމަ އަދި މަގުބޫލު ނިންމުމެވެ. އެއަށްފަހު މިހާރު ހަތަރުވަނަ ފޭސް ވެސް ނިމި ފަސްވަނަ ފޭސް އަށް ދިޔައިރު މާވެލް އިން ވަނީ ފްލޮޕްވި ފިލްމުތަކެއް ބަރިބަރިއަށް ނެރެފައެވެ. ރިވިއުތައް ރަނގަޅު ނޫން އިރު ގިނަ ފިލްމުތައް ބޮކްސް އޮފީހުގައި ވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. މާވެލްގެ ފިލްމުތަކުގެ ފޯމިއުލާތައް ފޫހިވެއްޖެއެވެ. ފޭނުންނަށް ފިލްމުތައް މިހާރު މަޖަލެއް ނޫނެވެ. ނަމަވެސް މިހާރު ނެރެން ތައްޔާރުވާ ގާޑިއަންސް އޮފް ގެލެކްސީގެ ތިންވަނަ ބަޔާއެކު ސުޕަހީރޯ ފިލްމުތަކަށް އޮތް މަގުބޫލުކަން އަނެއްކާ އިތުރުވެދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ފްރެންޗައިޒްގެ ފަހު ފިލްމު ކަމަށްވާ މި ފިލްމު މިހާރު ކްރިޓީކުންނަށް ދައްކާފައިވާއިރު އެންމެން ކިޔަމުން އަންނަނީ މިވަރު ފިލްމެއް މާވެލްއިން ފަހުގެ ތާރީހެއްގައި ނެރެފައި ނުވާ ކަމަށެވެ. ކްރިޓީކުންގެ ރިވިއުތަކުން ބުނަނީ މިއީ މާވެލްގެ ފޯމިއުލާ ބަދަލުކޮށްލާފައިވާ ވަރުގަދަ ފިލްމެއް ކަމަށެވެ. ނަމަވެސް ބެލުންތެރިން އަދިވެސް މި ވާހަކައެއް ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. މި ވިސްނުމާ އެއްގޮތަށް ނިންމުމެއް ނިންމޭނީ އާންމުންނަށް ފިލްމު ފެންނަން ފެށުމުންނެވެ. އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މި ފިލްމު ދުނިޔޭގެ ސިނަމާތަކުގައި އަޅުވަން ފަށާނެއެވެ. އެއާއެކު ކްރިޓީކުން މި ދައްކަނީ ކިހާވަރެއްގެ ވާހަކައެއްކަން އެނގޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ