ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލަން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން މިއަދު ނެރެފި އެވެ.
ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ 3,000 މެމްބަރުން ފުރިހަމަ ކުރަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް މެމްބަރުން ހަމަކޮށްފައި ނުވާތީ އެމްއާރުއެމް އުވާލަން މިދިޔަ ބުދަ ދުވަހު އިލެކްޝަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެކަމަކު އެމްއާރުއެމް އިން ހުށަހެޅި މައްސަލާގައި ސިވިލް ކޯޓުން އަމުރެއް ނެރުނީ، އެ ޕާޓީ އުވާލަން އީސީން ނިންމި ނިމުމަށް އަމަލުކުރަން މި ވަގުތަށް ފަސް ކުރުމަށެވެ.
ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.
ދާއިމީ ހައްލެއް ހޯދަން އީސީއާ ދެކޮޅަށް، އެމްއާރްއެމްގެ ފަރާތުން މައްސަލައެއް 30 ދުވަހުގެ ތެރޭގައި ކޯޓަށް ވައްދާނެ ކަމަށް އެ ޕާޓިން ބުނާތީ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނީ 30 ދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަނާޅައިފިނަމަ ވަގުތީ އަމުރު ބާތިލުވާނެ އެވެ.
އެމްއާރްއެމް އުވާލަން ނިންމުމަށް ފަހު އީސީން ވަނީ އެ ޕާޓީގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގުން ވެސް މަނާކޮށްފަ އެވެ.
އެމްއާރުއެމް އުވާލުން މަޑުޖައްސާލަން ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ