ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުހައްމަދު މުއިއްޒު ށ. ފުނަދޫ ރައްޔިތުންނަށް ތަރައްގީގެ އާ ބާބެއްގެ އުއްމީދު ދެއްވިއެވެ. އެހެންވެ، އެ ރަށުން މުއިއްޒަށް 70 ޕަސެންޓު ތާއިދު ދިނެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރު ފާއިތު ވުމަށް ގާތްވެފައި ވާއިރު، އެ ދެއްވި އުއްމީދަށް ދިރުމެއް ނެތެވެ.
ރަށުގެ ބިމާއި އެއާޕޯޓު ބޮޑުކުރުމުން ފެށިގެން އީކޯ ޓޫރިޒަމް ތައާރަފުކޮށް މުޅި ރަށުގެ އިގުތިސާދު އިންތިހާއަށް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ށ. ފުނަދޫ
ބައިގަރުނު ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ފުނަދޫއަކީ މިހާރު އެންމެ ބޮޑަށް ތަރައްގީވެފައިވާ އެއް ރަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު ވިދާޅުވީ އޭރު އޮތް އެމްޑީޕީ ސަރުކާރުން އެ ރަށަށް ކަންކަން ނުކޮށްދީ އޮތުމުން ރައްޔިތުންގެ އުއްމީދުތައް އޮޔާ ގޮސްފައިވާ ކަމަށެވެ.
"މި ރަށުގެ ތަރައްގީއަށްޓަކައި ކުރަންހުރި ގިނަގުނަ މަސައްކަތް އެބަހުރި. ކެމްޕެއިން ތެރޭގައި ދެފަހަރެއްގެ މަތިން އެ ވާހަކަ ދެކެވުނު. ގިނަ ވައުދުތަކެއް ވެފައިވެސް ހުންނާނެ. އެކަންކަން އިރާދަކުރެއްވިއްޔާ ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ފުނަދުއަށް ވަޑައިގެން މުއިއްޒު އަނެއްކާ ވެސް ރައްޔިތުންނަށް ޔަގީންކަން ދެއްވި އެވެ.
މުއިއްޒު ދެއްވި އުއްމީދުތަކުގެ ބާބުގައި "ހިއްކެން އޮތް އެންމެ ބޮޑަކަށް" ރަށް ހިއްކުން ހިމެނީ "އެއީ އެންމެ ދެކޮޅު ޖެހޭނެ ގޮތް،" ކަމަށް ހުދު އެމަނިކުފާނު ވެސް ގަބޫލު ކުރައްވާތީ އެވެ. އޭގެ އިތުރުން އެއާޕޯޓުގެ ބޮޑުކުރުމާއި، ހިމާޔަތްކޮށްފައި އޮތް ފަރުކޮޅު ޓޫރިޒަމް ޕްރޮޑަކްޓަކަށް ބަދަލުކޮށްލުމަށް ޕްލޭން ކުރެއްވި އެވެ.
މި ހަފުތާގައި މުއިއްޒު ތިން ވަނަ ފަހަރަށް ފުނަދު އަށް ވަޑައިގަންނަވާނެ އެވެ. ނަމަވެސް، ވޭތުވެދިޔަ ދެ އަހަރު ބޮޑު ބަޖެޓެއް އޮތަސް، ފުނަދޫ އަށް ދިރުމެއް ނުގެނެ އެވެ. އަދި މިހާރު މަޝްރޫއުތައް ފަށަނީ "ކަޑަ ޖެހުމުގެ އުސޫލުން" ކަމަށް މީހުން ގަބޫލުކުރެ އެވެ.
"ރައީސް ދައްކަވާ ވާހަކައަށް މިހާރު އިތުބާރެއް ނެތް،" ފުނަދޫގައި ސަރުކާރުގެ މަގާމެއްގައި ހުންނެވި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ. އޭނާއަކީ ޕީއެންސީގެ މެންބަރެކެވެ.
މުއިއްޒުގެ ވައުދުތައް ފުއްދިދާނެ ކަމާމެދު އިތުބާރެއް ނެތަސް، އެ މަނިކުފާނަށް މަރުހަބާ ކިޔުމާއި މެހުމާނުދާރީ އެންމެ މަތީފެންވަރުގައި ކުރިޔަށް ގެންދާނެ ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
މުއިއްޒުއަށް އިތުބާރު ނުކުރަނީ ކީއްވެތޯ އެހުމުން ދެއްވީ ކުރު ޖަވާބެކެވެ؛
"އަހަރެމެންނަށް އެނގޭ ބަޖެޓެއް ނެތްކަން، އެމްޓީސީސީ އަށް، އާރުޑީސީއަށް، ވެމްކޯއަށް ހުރިހާ މަޝްރޫއުއެއް ނުހިންގޭނެކަން،" އޭނާ ވިދާޅުވި އެވެ.
"އެއީ ދައްކާ ދަޅައެއް."
މުއިއްޒުގެ ތަސައްވުރުގައި ފުނަދޫގެ ތަރައްގީއާ ގުޅިފައި އޮތް ތަނަކީ އެއާޕޯޓެވެ. އެހެންވެ ރަންވޭ ބޮޑުކޮށް، ރޭގަނޑު ވެސް ޖެއްސޭ ގޮތް ހަދާނެ ކަމަށް ވައުދުވި އެވެ. ނަމަވެސް މިއަދާ ހަމައަށް އެކަން ނުކޮށް އޮތުމަށް ފަހު، ރައީސްގެ މި ދަތުރާ ދިމާކޮށް އެއާޕޯޓުގައި ހަރުކާ ލައިޓުތައް ހުރީ ގެންގޮސްފަ އެވެ. ނަމަވެސް ރަންވޭގެ މަސައްކަތާއި، ޕަސެންޖާ ޓާމިނަލްގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. ދާނެ ކަމުގެ އުއްމީދެއް ރަށުގެ ބައެއް ވެރިން ވެސް ނުކުރެ އެވެ.
އެއާޕޯޓު ތަރައްގީކުރަން މުއިއްޒު ބޭނުންވެވަޑައިގަތީ ފުނަދޫގައި ޓޫރިޒަމް ވަރުގަދަ ކުރުމަށެވެ. އެކަމަށްޓަކައި ހިމާޔަތްކޮށްފައި އޮތް ފަރުކޮޅުގައި އިކޯ ޓޫރިޒަމް ތައާރަފުކުރުމަކީ ވައުދެކެވެ.
"ފަރުކޮޅު އެއީ ހަގީގަތުގައި ވަރަށް ތިމާވެށީގެ ގޮތުން ނާޒުކު ރީތި ރަށެއް. އެހެންވީމ،ާ ނާޒުކީ ރީތިކަން ހިމާޔަތް ކުރެވޭ ގޮތަށް އިކޯ ޓޫރިޒަމްގެ މުހިންމު މަންޒިލަކަށް އެތަން ހަދައ،ި އިކޯ ޓޫރިޒަމް ފައްކާ ކުރެވޭ ތަނަކަށް އެތަން ބަދަލުކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
އެއީ ރަށުގެ އިގުތިސާދުގެ ދިރުމެވެ. ވަޒީފާ އާއި އެހެން އިންޑަސްޓްރީތައް އުފެދުމުގެ އުއްމީދެވެ. ނަމަވެސް އާރުލާ ގޮތެއްގައި އެކަމެއް އަދި ނުހިނގަ އެވެ. އޭޓީއެމްތައް ހުޅުވުމުގައި ބިޒީކޮށް އުޅުއްވަމުން ގެންދަވާއިރު، ށ. އަތޮޅުގެ އެންމެ މުހިއްމު އެއް ރަށްކަމުގައިވާ ފުނަދޫގެ ޕްލޭނަށް ދިރުން އަދި ގެނެވިފައެއް ނެތެވެ. އެހެންވެ، ރައްޔިތުން ތިބީ މާޔޫސްވެފަ އެވެ. އުއްމީދު ވެސް ވަނީ ކަނިވެފަ އެވެ.
ރަށްރަށުގައި ހުއްޓިފައިވާ މަޝްރޫއުތަކާއި، ކުރިއަށްދާ މަޝްރޫއުތަކާއި ހިނގާ ކަންކަމުގެ މައުލޫމާތު އަދަދު ނޫހަށް އެންގުމަށްޓަކައި [email protected] އަށް އީމެއިލް ކުރެއްވުން އެދެން، ނުވަތަ އަދަދު ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓުފޯމްތަކަށް ޑީއެމްކުރެއްވުން އެދެން.
ފުނަދޫ މާޔޫސްވެފައި، ވައުދުތަކާމެދު އުއްމީދެއް ނެތް! ފުނަދޫ މާޔޫސްވެފައި، ވައުދުތަކާމެދު އުއްމީދެއް ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ