2018 ވަނަ އަހަރު ތިލަފުށީގައި އިންސިނެރޭޓާ ގާއިމްކުރެވޭނެ: އެންވައިރޮމެންޓް މިނިސްޓްރީ
ތިމާވެއްޓާއި ރައްޓެހިގޮތަށް ކުނި ނައްތާލާ ނިޒާމެއްކަމަށްވާ، އިންސިނެރޭޓާ 2018 ވަނަ އަހަރު ތެރޭގައި ކ. ތިލަފުށީގައި ގާއިމު ކުރައްވާނެ ކަމަށް އެންވައިރޮމެންޓް މިނިސްޓްރީން ބުނެފި އެވެ. މޫސުމަށް އަންނަ ބަދަލާ އެކު ވައިޖެހޭ ގޮތުގެ ސަބަބުން ތިލަފުށިން އަންދާ ދުމުގެ ނޭދެވޭ އަސަރު މާލެ އާއި ވިލިމާލެއަށް ކުރުމަކީ ވަރަށް އާންމުކަމެކެވެ. މިކަމުގެ ސަބަބުން ބަލިމަޑުކަމެއްގެ ބިރުވެރިކަން ވަނީ ހީވެފަ އެވެ. އެންވައިރޮމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު މިއަދު ސަން އަށް ވިދާޅުވީ ދުމުގެ މައްސަލަ ހައްލުކުރުމަށް، ހައްލަކީ ތިލަފުށީގައި ކުނިި އެންދުން ހުއްޓާލުން ކަމަށާއި އެކަން ކުރުމަށް އިންސިނެރޭޓަރެއް އެ ރަށުގައި ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދުމާއި ޕުރޮޖެކްޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު 2017 ވަނަ އަހަރު މަސައްކަތް ފަށައިގަނެވި 2018 އަށް ނިންމާލެވޭނެ ކަމަށް އާމިރު ވިދާޅުވި އެވެ. "ތިލަފުށީގައި އެންދުން ހުއްޓާލުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ މިއޮތީ، ކުރިއަށް އޮތްތަނުގައި ތިލަފުށީގައި އިންސިނެރޭޓާ ބެހެއްޓި، އެ އިންސިނެރޭޓަރުން ކުނި އެންދުމުގެ މަސައްކަތް ހިނގާނެ." އާމިރު ވިދާޅުވި އެވެ. ބޭރުގެ ގައުމެއްގައި ގާއިމްކޮށްފައިވާ އިންސިނެރޭޓާ ސިސްޓަމެއް--- އޭރުން ދުން ފެތުރޭ މައްސަލަ ހައްލުކުރެވި ރައްކާތެރިކަމާ އެކު ކުނި ނައްތާލެވޭނެ އެވެ. ކުނި ނައްތާލުމުގެ ތެރެއިން އުފެދޭ ހޫނުން ކަރަންޓް އުފެއްދޭނެ ވެސްމެ އެވެ. ތިލަފުށީގައި ކުނި އެންދުމުގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ އަދި ހައްލެއް ނުލިބިވާ މައްސަލައަކަށްވާ އިރު އެކަން ހައްލުކުރަން ކުރިން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި އޮތީ ސަރުކާރާއި ޓަކުވާ ކުންފުއްޏާ އެކު ވެފައިވާ އެއްބަސްވުމެއްގެ ސަބަބުން ކަމަށް އާމިރު ވިދާޅުވި އެވެ. އެއެގްރިމެންޓް މިހާރު ބާތިލްކޮށް ޕްލޭންތަކެއް ހަދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މާލެ ސަރަހައްދުގެ ވޭސްޓްމެނޭޖްމަންޓް މަސައްކަތަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން ނަމުގައި ހާއްސަ ކުންފުންޏެއް އުފައްދައި އެކުންފުނި މެދުވެރިކޮށް މާލޭގެ ކުނިބުނި އެއްކުރުމަށް ހާއްސަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް އާމިރު ވިދާޅުވި އެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި ނައްތާލުމާއި ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ރެއަކަށް ހަ ޑޮލަރުގެ ރޭޓުން "ގްރީން ޓެކްސް"އެއް ވަނީ މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ނަގަންފަށައިފަ އެވެ. އެ ގޮތުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 216 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ. ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ގްރީން ޓެކްސް ތައާރަފް ކުރުމާ އެކު ލިބޭ އާމްދަނީ މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. އެގޮތުން ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމް ގާއިމު ކުރުމުގެ އިތުރުން ގޮނޑުދޮށްތައް ހިމާޔަތް ކުރަން އެޓެކްސް ބޭނުންކުރާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ