ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ތައްޔާރުކުރާ ޕްރޮގްރާމަށް ފުރުސަތު ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ސޯޝަލް މިނިސްޓްރީން ކުރިއަށްގެންދާ 'ޖޮބް ރެޑިނަސް ޕްރޮގްރާމު'ގެ ތިން ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޖޮބް ރެޑިނަސް ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މަސައްކަތުގެ މާހައުލަށް ބޭނުންވާ އަސާސީ ތައުލީމާއި ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ކިޔެވުން ކުރިއަށްގެންގޮސްފައިވަނީ 2024ވަނަ އަހަރުގެ ޖޫން މަހުގެ 26އިން އެ އަހަރުގެ އޮގަސްޓު މަހުގެ 29ގެ ނިޔަލަށެވެ. އެ ޕްރޮގްރާމްގައި ބައިވެރިވި 12 މީހަކު ކާމިޔާބުކަމާއެކު ޕްރޮގްރާމް ނިންމި ކަމަށް ފެމިލީ މިނިސްޓްރީން ބުންޏެވެ. ޖޮބް ރެޑިނަސް ދެވަނަ ޕްރޮގްރާމު ބޭއްވީ މިދިޔަ މެއި މަހުގެ ފަހަކުން ނޮވެންބަރު މަހުގެ ދެވަނަ ދުވަހަށެވެ. މިނިސްޓްރީން ބުނި ގޮތުގައި 10 މީހަކު ވަނީ އެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ތައްޔާރުކުރާ ޕްރޮގްރާމަށް އަނެއްކާވެސް ވަނީ ފުރުސަތު ހުޅުވާލައިފައި -- ފޮޓޯ/ ސޯޝަލް މިނިސްޓްރީ ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ތިން ވަނަ ބެޗުގައި ބައިވެރިވުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. ފެމިލީ މިނިސްޓްރީން ބުނީ އެ ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު 7206558 ނަންބަރުން، ވައިބާ މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އަދި ރަސްމީ ގަޑީގައި 1433 ކޯލްސެންޓަރަށް ގުޅުމުންނާއި [email protected] އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ މީހުންނަށް، އާމްދަނީ ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން ވަޒީފާގެ ފުރުސަތުތައް ހަމަޖެއްސުމަށް ފެމިލީ މިނިސްޓްރީން އަންނަނީ އެކި ކުންފުނިތަކާއި އިދާރާތަކާއެކު އެއްބަސްވުންތައް ގާއިމްކުރަމުންނެއެވެ. ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، މިދިޔަ ނޮވެންބަރު މަހުގެ 17ގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ނުކުޅެދުންތެރިކަން ހުންނަ 333 މީހަކަށް މި ސަރުކާރުގައި ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވެފައެވެ. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14،938 މީހުންނާއި ކުދިން ރަޖިސްޓްރީވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ