ގެއްލުމުގައި ހިންގާ އާރުޑީސީއަށް، 81 މަޝްރޫއުގެ ތެރެއިން ފަސް އަހަރުތެރޭ ނިންމުނީ 21 މަޝްރޫއު
ގެއްލުމުގައި ހިންގާ ސަރުކާރުގެ މަގު ހަދާ ކުންފުނި ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އަށް 2019ގެ ފަހު ދުވަހުން ފެށިގެން ގިނަ މަޝްރޫއުތަކެއް ނުނިމި ހުރިކަން ހާމަވެއްޖެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން ވާނީ އާރުޑީސީން 2019 ޑިސެމްބަރު 31ގެ ފަހުން ސޮއިކުރި އަދި ފަށާފައިވާ އެންމެހާ މަޝްރޫއުތަކުގެ ހުރިހާ ތަފްސީލެއް ހޯދަން އެދިފައެވެ. އަދި އެ މަޝްރޫއުތަކަށް ހިނގާ ޖުމްލަ ޚަރަދުތަކާއި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކާއި މަޝްރޫއުތަކުގެ އެންމެ ފަހުގެ އަދާހަމަ އާއި މަޝްރޫއުތައް ނިންމަން ކަނޑައަޅާފައިވާ ތާރީޚުތަކާއި، އެ ތާރީޚުތަކަށް ނުނިންމޭނެ ނަމަ ނުނިންމޭ ސަބަބުތަކާއި މަޝްރޫއުތައް ހިންގުމަށް ހުރި އުނދަގޫތަކުގެ އެންމެހާ ތަފްސީލުތައް ހިއްސާކުރުމަށް އެދިފައެވެ. މި މައުލޫމާތަށް އެދުނީ މިދިޔަ މޭ މަހުގެ 20ވަނަ ދުވަހު ކަމަށްވީ ނަމަވެސް، މައުލޫމާތު ލިބިފައިވަނީ އިއްޔެއެވެ. އެއީ މައުލޫމާތު ދޭން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ހަ މަސް ފަހުންނެވެ. މައުލޫމާތު ހިއްސާކޮށް އާރުޑީސީން ބުނީ، އެ ކުންފުނިން ހިންގާ ހުރިހާ މަޝްރޫއެއްގެ އަދާހަމައިގެ ތަފުސީލު ވެބްސައިޓުގައި ހުންނާނެ ކަމަށެވެ. ނަމަވެސް އާރުޑީސީގެ ވެބްސައިޓުގައިވާ ގޮތުން، އެންމެ ފަހުން ފެންނަން އޮތީ ސެޕްޓެމްބަރު 5، 2023ގައި ގދ. ވާދޫގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތަފުސީލެވެ. އާރުޑީސީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ޑިސެމްބަރު 31، 2019އިން ފެށިގެން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 23ގެ ނިޔަލަށް އެ ކުންފުންޏަށް ޖުމުލަ 81 މަޝްރޫއެއް ދީފައިވެއެވެ. އޭގެ ތެރެއިން 36 މަޝްރޫއަކީ މަގު ހެދުމުގެ މަޝްރޫއުތަކެވެ. އެ މަޝްރޫއުތަކުގެ ތެރެއިން 60 މަޝްރޫއެއް ކުރިއަށްދާ ކަމަށް އޮތް އިރު، މަޝްރޫއުތައް ހަވާލުކުރި ތާރީޚުން ފެށިގެން ނިންމަން ދިން މުއްދަތުގައި 40 މަޝްރޫއެއް އަދިވެސް "ކުރިއަށްދާ" ކަމަށް، އެބައޮތެވެ. ނިންމުނު ކަމަށް އޮތީ އެންމެ 21 މަޝްރޫއެވެ. އެކަމަކު އާރުޑީސީން ހިއްސާކުރި މައުލޫމާތުގައި މަޝްރޫއުތައް ނުނިންމޭ ސަބަބެއްވެސް، ދިމާވާ ދައްޗެއް ވެސް، އަމަލީ މަސައްކަތް ފެށި ތާރީޚުތަކުގެ ތަފުސީލުތަކެއް ނެތެވެ. ފާހަގަކުރެވޭ ގޮތުގައި އާރުޑީސީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި ސަރުކާރު ހަވާލުވުމަށްފަހު މަގު ހެދުމުގެ އެއްވެސް މަޝްރޫއެއް މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ހަވާލުކޮށްފައި ނުވެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްގައި ހިންގާ އެއް ކުންފުނި ކަމަށްވާ އާރުޑީސީއަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ. https://sun.mv/215295 ޕީސީބީގެ ރިޕޯޓުން އެ މައުލޫމާތު ހާމަކުރިއިރު، ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުކުރި 378.3 މިލިއަން ރުފިޔާއަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ އިތުރުން، މި ކުންފުނިތަކުގެ މެންޑޭޓުގައި ނެތް މަސައްކަތްތައް ކަމަށްވާ، ޕޮލިސް ސްޓޭޝަން އެޅުމާއި ހޮސްޕިޓަލު އެޅުން ފަދަ މަސައްކަތްތައް މަގުހަދާ ކުންފުންޏަކާ ހަވާލުކުރުމުން އާންމުންގެ އެތައް ފާޑުކިއުމެއްވެސް އެކަމަށް އަމާޒުވިއެވެ. ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، ކޮރަޕްޝަން އިތުރުވުމާއި، ސިޔާސީ މަގުސަދުތަކަށް ބޭނުންނުވާ ވަރަށް މުވައްޒަފުން ނަގާކަމުގެ ޝަކުވާ ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ