އެމްޑީޕީއަކީ އަބަދުވެސް ބަދަލުގެ ޕާޓީއެއް: ނަޝީދު

އެމްޑީޕީ އަކީ އަބަދުވެސް ބަދަލުގެ ތެރެއިން ހައްލު ހޯދައިދޭނެ ޕާޓީ ކަމަށާއި ދިވެހި ރައްޔިތުން އަދިވެސް އެދެނީ ބަދަލަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތް ފައްޓަވާފައިވާ ނަޝީދު، އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި، ވިދާޅުވީ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ ތަފާތުގެ ވާހަކަ މިރޭ ދައްކަވަން ގަސްދުނުކުރައްވާ ކަމަށެވެ. ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް އެ މަނިކުފާނު ކުރައްވާ މަސައްކަތާ މެދު އެމްޑީޕީގެ ތެރޭގައި އޮތް ދެބަސްވުމަށް އިޝާރާތްކުރެއްވި އެވެ.
ބުނީ ކީކޭ؟ - "ޕާޓީގެ އެއް ބަޔަކު ދެކެނީ ވެރިކަމުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލެއް ނެތް ކަމަށް. ވެރިކަން މި ކުރަމުން ގެންދާ ގޮތަށް އަޅުގަނޑުމެން ކުރަމުން ގެންދާންވީ ކަމަށް. ޕާޓީގެ އަނެއް ބަޔަކު ދެކެނީ ބަދަލު އަދިވެސް ވާން ޖެހޭ ކަމަށް. މި ރާއްޖޭގައި ވެރިކަން ކުރާ ގޮތާއި އަދި އެ ވެރިކަމުގެ ވައްޓަފާޅި ވެސް އަދިވެސް ބަދަލުވާން ޖެހޭ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންނެވި ޖަލްސާގައި ނަޝީދު ވަނީ، ވެރިކަމުގެ ނިޒާމާ މެދު ވޯޓަކަށް ނުގޮސްފި ނަމަ އެމްޑީޕީގެ ތެރެއިން ވޯޓު ގެއްލި، ރިޔާސީ އިންތިހާބުން ބަލިވާނެ ކަމަށް ކުރިން ވިދާޅުވެފައިވާ ވާހަކައަށް ވެސް އިޝާރާތްކުރައްވައިފަ އެވެ. އަދި މިއީ 2018 ނޫން ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓާ އެކު އެހެން ޕާޓީތައް އިއްތިހާދުވެގެން އަންނަ އަހަރުގެ އިންތިހާބަށް ދާއިރު ތިބޭނެ ކަމަށް ދެކޭ ނަމަ "މި ތިބެވެނީ އަވާމެންދުރެއްގައި" ކަމަށް ވެސް ވިދާޅުވި އެވެ.
"ޕާޓީއަށް ތާއީދުކުރާ އެތައް ބައެއްގެ ވިންދު، އިހުސާސް، އުއްމީދު ހުރަސްކޮށް ނަގާލާ، ގޮންޖަހާ، ކުރިއަށް ގޮސް އަޅުގަނޑުމެންނަށް ހޯދޭނެ ކާމީޔާބެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް، ރައީސް އަރިހުން މިރޭ އަޅުގަނޑު އެދެނީ މި ޕާޓީގެ ހުރިހާ މެމްބަރުން އެކުގައި ބައިތިއްބައިގެން ކުރިއަށް ވަޑައިގެންނެވޭނެ. އެ މަގުން ނޫން ގޮތަކަށް އަޅުގަނޑުމެންނަށް ހަގީގަތުގައި ކާމިޔާބު ހޯދޭކަށް ނެތް."
ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައި އެންމެ މުހިއްމު އެއް ފަލްސަފާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ ކަންކަން ހިންގޭނެ ގޮތެއް ހޯދުމާއި ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުން ކަމަށެވެ. އަދި "އަޅުގަނޑުމެންގެ މައްޗަށް ރިޔާސީ ނިޒާމެއް މަޖުބޫރުވި ގޮތް" ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން، ނިޒާމީ ވޯޓުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވައި ނަޝީދު ވިދާޅުވީ "މި ސުވާލު އަޅުގަނޑުމެންގެ ތެރޭގައި ފިލައެއް ނުދާނެ" ކަމަށެވެ.
"އަދި މި ކޮންގްރެސްގައި މި ސުވާލުގެ ބަހުސް، އަޅުގަނޑަށް ޔަގީން ކަށަވަރު، މާ ބާރަށް ކުރެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން ރާއްޖެއަށް އިގްތިސޯދީ ގޮތުންނާއި، އިޖުތިމާއީ ގޮތުންނާއި، ސިޔާސީގޮތުން ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށާއި، އެކަމުގެ ބޭނުމަކީ އާންމު ރައްޔިތުންނަށް ލިބޭ އެއްޗެއް އިތުރުކޮށް، އެމީހުންގެ ހަޔާތް އުޖާލާވާނެ ގޮތެއް ހޯދައިދިނުން ކަމަށެވެ.
އެ ހަޔާތް ހޯދުމަށް ތަކުރާރުކޮށް ކުރަމުން އައި މަސައްކަތަކީ ކަންކަން ބަދަލު ކުރުން ކަމަށާއި ކަންކަން ހިފަހައްޓައި އޮބެހެއްޓުމަކީ ތަރައްގީއަށް އެޅޭ އެންމެ ބޮޑު ހުރަސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަދިވެސް ރާއްޖޭގެ ރައްޔިތުން އެދެނީ ބަދަލަކަށް. ޝައްކެއް ނެތް. އެ ބަދަލުގެ ތެރެއިން އެމީހުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް، ރާއްޖޭގެ ރައްޔިތުން އަބަދުމެ ގޮވާ،" ނަޝީދު ވިދާޅުވި އެވެ.
ބަދަލުގެ ތެރެއިން ރައްޔިތުންގެ ހުރިހާ ތަކުލީފުތަކަށް، ހައްލު ހޯދުމަށް ރައްޔިތުން އެދޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ޕާޓީއަކީ އަބަދުވެސް ބަދަލުގެ ތެރެއިން ހައްލު ހޯދައިދޭނެ ޕާޓީއެއް،" ނަޝީދު ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން އެމްޑީޕީގެ ކޮންގްރެސް އަށް ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެދިވަޑައިގެންފަ އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު އަސާސީ އެއް ބޭނުމަކީ އިލްމީ ބަހުސް ކަމަށާއި، އެ ޕާޓީން އަބަދުވެސް ނަތީޖާ ނެރެނީ ބަހުސްގެ ތެރެއިން ކަމަށެވެ.
"ދެބަސްވުމުން އަޅުގަނޑުމެން އެއްބަސްވުމަށް އަންނަނީ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ