ބޯކޮށް ވާރޭވެހި ފޯކައިދޫ ފެނު އަޑީގައި

ފޯކައިދޫ ކައުންސިލުން ބުނީ ފެންބޮޑުވުމުގެ ސަބަބުން ގެއަށް ފެން ވަދެގެން 15 ގެއަކުން ރިޕޯޓުކޮށްފައިވާކަމަށެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ށ. ފޯކައިދޫގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ އެވެ.
ފޯކައިދޫއަށް ވާރޭވެހިފައި ވަނީ މިއަދު މެންދުރެއްހާއިރު، ގަޑިއެއްހާ އިރަށެވެ. އެރަށު ކައުންސިލް ރައީސް އަހުމަދު އާސިފް "މިރާ" އަށް ވިދާޅުވީ އެރަށު އުތުރު ފަރާތުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، މީހުން ދިރިއުޅޭ 15 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. "ވާރޭ ވެހެން ފެށީ މެންދުރެއްހާއިރު، ގިނަ އިރު ވެހިގެންނެއް ނޫން މިހާ ބޮޑަށް ފެން ބޮޑުވީ. އެ ގަޑީގައި ގަޑި ދޮޅުގަޑިއެއްހާއިރު ވަންދެއް ވަރަށް ބޯކޮށް ވާރޭ ވެހުނު" އާސިފް ވިދާޅުވި އެވެ. އާސިފް ވިދާޅުވީ ފެންބޮޑުވި ސަރަހައްދަކީ ވަރަށް އަޑި ހިސާބެއް ކަމަށެވެ. ފޯކައިދޫ ކައުންސިލާއި ފުލުހުން އަދި އާންމުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާސިފް މައުލޫމާތު ދެއްވި އެވެ. އާސިފް ވިދާޅުވީ، އަދި އެއްވެސް ގެއަކަށް މީހުން ނިކުންނަން ޖެހޭ ވަރަށް ގެއްލުން ނުލިބޭ ކަމަށާއި، އެފަދަ ކަމަކަށް ވެސް ކައުންސިލުން ތައްޔާރަށް އޮތް ކަމަށެވެ. މި ހަފްތާ ފެށުނު ފަހުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ އެވެ. މިއީ ދެމޫސުން ބެދޭ ދުވަސްވަރެވެ. ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރުން ފެށިގެން މޭ މަހުގެ މެދެއްހާ ހިސާބަށް އޮންނާނީ ދެ މޫސުން ބަދަލުވާ ދުވަސްވަރެވެ. މިއަދުވެސް ގަދައަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް، ހަވީރު 5:00 ގެ ނިޔަލަށް އޮތީ ހުދު ސަމާލު ނެރެފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ