މި އަހަރުގެ ހޫނުމޫސުމުގައި ޖަޕާނުގެ ފިރިހެނުން ސޯޓް ލައިގެން އޮފީހަށް ދާން ހުއްދަ ދީފައި ވާއިރު، ފިރިހެނުންގެ ފައިގެ އިސްތަށި ފެށުމަކީ ފުރައްސާރައެއް ކަމަށް ބައެއް އަންހެނުން ބުނަން ފަށައިފި އެވެ.
ޓޯކިޔޯ މެޓްރޯޕޮލިޓަން ގަވަމަންމަންޓުން ދަނީ ކުންފުނިތަކުގެ މުވައްޒަފުން އާންމުކޮށް ބޭނުންކުރާ ސޫޓާއި ޓައި ދޫކޮށްލުމަށް ފަހު، ޓީޝާޓާއި، ސްނީކާސް އަދި ސޯޓު ފަދަ ލުއި ހެދުން ބޭނުންކުރުމަށް ބާރުއަޅަމުންނެވެ.
މިއީ ޓޯކިޔޯގެ ގަވަރުނަރު ޔުރިކޯ ކޮއިކޭ އޭޕްރީލް މަހު ތައާރަފްކުރެއްވި "ޓޯކިޔޯ ކޫލް ބިޒް" އިތުރަށް ފުޅާކުރެއްވުމަށް އޭނާ ކުރައްވާ މަސައްކަތުގެ ބައެކެވެ. އެހެން މި ގޮތަށް އޮފީހަށް ދިއުމަށް އޭނާ ބާރު އަޅުއްވަ އެވެ.
މި އުސޫލަށް ގާތްގަނޑަކަށް ހަތަރު މަސް ވެފައިވާއިރު، އޮފީހުގައި ސޯޓުލާން ހުއްދަދިން ސިޔާސަތަށް ލިބެމުންދަނީ މައްސުނި ހިޔާލުތަކެކެވެ.
ބައެއް މީހުން މި އުސޫލަށް ތާއީދުކުރަނީ މަސައްކަތުގައި އުޅޭއިރު ފަސޭހަވާނެތީ އެވެ. ނަމަވެސް އެހެން ބައެއް މީހުން ބުނާ ގޮތުގައި މި ސިޔާސަތަކީ އަންހެނުންނަށް އިންސާފުވެރި ސިޔާސަތެއް ނޫނެވެ. ސަބަބަކީ އަންހެނުންގެ ފައިގެ ބައެއް ދައްކައިގެން އުޅޭއިރު ޓައިޓް ނުވަތަ ސްޓޮކިން ލާންޖެހޭތީ އެވެ. މީގެ އިތުރުން، ބައެއް އަންހެނުން ދަނީ "ފައިގެ އިސްތަށީގެ އުނދަގޫ" ނުވަތަ އޮންލައިންކޮށް މަޝްހޫރުވެފައިވާ "ސުނެހަރާ" ގެ ވާހަކަ ދައްކަމުންނެވެ. މިއީ މަސައްކަތުގެ މާހައުލުގައި އުޅޭ އެހެން މުވައްޒަފުންގެ ފައިގެ އިސްތަށި ފެންނާތީ "ކުރިމަތިވާ އުނދަގުލަށް" ނިސްބަތްކޮށް ކިޔާ ނަމެކެވެ.
"އަހަރެމެން ބޭނުންވަނީ ހޫނު ގަދަ ދުވަސްވަރު މީހުންނަށް އިތުރު އިހްތިޔާރުތަކެއް ދޭން، ވަކި ގޮތަކަށް ހެދުން އަޅާކަށް ނޫން އެންގީ. ހެދުމުގެ ސަބަބުން އެހެން މީހަކަށް ގޯސް އަސަރެއް ނުކުރާހާ ހިނދަކު އެއްވެސް މައްސަލައެއް އޮވެގެން ނުވާނެ،" ޓޯކިޔޯ މެޓްރޯޕޮލިޓަން ގަވަމަންމަންޓުގެ ތިމާވެއްޓާ ބެހޭ އޮފިޝަލް ނޯބޯރޫ ވަތަނާބޭ ބީބީސީއަށް ވިދާޅުވި އެވެ.
މީގެއިތުރުން، ފިރިހެނުންގެ ކޮސްމެޓިކްސް ކަންކަމަށް މަޝްހޫރު "ގޮރިއްލާ ކްލިނިކް" އިން ޖޫން މަހު ނެގި ހިޔާލުހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުގައި، ހޫނުމޫސުމުގައި އޮފީހަށް ސޯޓުލައިގެން ދިއުމާ ދެކޮޅަށް 53.5 ޕަސެންޓް މީހުން ވާހަކަ ދައްކާއިރު، މިކަމަށް ތާއީދުކޮށްފައިވަނީ 46.5 ޕަސެންޓް މީހުންނެވެ.
ސޯޓުލައިގެން އޮފީހަށް ދިއުމާ ދެކޮޅުހެދި ދެ ޖިންސުގެ މީހުން ވެސް އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ހަށިގަނޑުގެ ބައްޓަމާއި ފައިގެ އިސްތަށީގެ މައްސަލަ އެވެ. ގޮރިއްލާ ކްލިނިކުން ބުނާ ގޮތުގައި މި ސާވޭގައި ޖަވާބު ދިން އަންހެނުންގެ އަދަދު ފިރިހެނުންނަށްވުރެ ނިސްބަތުން މާ ގިނަ އެވެ.
ފަހަކަށް އައިސް ޖަޕާނުގެ ގިނަ މުވައްޒަފުން، ހާއްސަކޮށް ސްޓާޓްއަޕްތަކާއި ޓެކްނޮލޮޖީ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުން ވަނީ ލުއިކޮށް ހެދުން އަޅަން ފަށައިފަ އެވެ. ނަމަވެސް މި އަހަރު ޓޯކިޔޯ ސަރުކާރުން ދިން އިރުޝާދާ އެކު، އިޖުތިމާއީ ގޮތުން މިކަން ބަލައިގަތުން ވަނީ އިތުރުވެފަ އެވެ. ނަމަވެސް، ބައެއް ފިރިހެނުންނަށް ވެސް އެ މީހުންގެ ފައިގެ އިސްތައްޓާ މެދު ކަންބޮޑުވެ އެވެ.
ގޮރިއްލާ ކްލިނިކްގެ ޑިރެކްޓަރު އަކިފުމީ ފުނަޓްސޫ ވިދާޅުވި ގޮތުގައި، ހަމައެކަނި ރީތިވުމުގެ ނިޔަތެއް ނެތި، "ސޯޓުލާއިރު އިޖުތިމާއީ އަދަބުވެރިކަން" ހިފެހެއްޓުމުގެ ގޮތުން ކްލިނިކަށް އައިސް ހިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން އޭނާއަށް ވަނީ ފާހަގަކުރެވިފަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އަންހެނުން ދެކެނީ "ފިރިހެނުންގެ ފައިގައި އިސްތަށި މަދުވާންޖެހޭނެ" ކަމަށެވެ. އަދި "އެހެން މީހުންނަށް އުނދަގުލެއް ވިޔަ ނުދޭން" ފިރިހެނުން ދަނީ ލޭޒާ ބޭނުންކޮށްގެން އިސްތަށި ނައްތާލުމުގެ ހިދުމަތް ހޯދަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަޕާނުގެ ތިމާވެއްޓާ ބެހޭ ވަޒީރުގެ މަގާމުގައި ހުންނަވައިގެން، 2005 ވަނަ އަހަރު، ހޫނުމޫސުމުގައި ހެދުން އެޅުމަށް އައި މި ބަދަލު އެންމެ ފުރަތަމަ ތައާރަފްކުރެއްވީ ކޮއިކޭ އެވެ. އޭނާ ވަނީ ކުންފުނިތަކުގެ މުވައްޒަފުން އަތް ކުރު ގަމީސް ލުމަށް ބާރުއެޅުމުގެ ގޮތުން "ކޫލް ބިޒް" ގެ ނަމުގައި ގައުމީ ފެންވަރުގެ ކެމްޕޭނެއް ފައްޓަވައިފަ އެވެ.
ސަރުކާރުގެ އިސް ވެރިން ވެސް މި އިސްނެންގެވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އޭރުގެ ބޮޑުވަޒީރު ޖުނިޗިރޯ ކޮއިޒުމީ ކޯޓާއި ޓައި ނާޅުއްވާ އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމަކީ، މި ކެމްޕޭން އާންމުންގެ ތެރޭގައި މަޝްހޫރުވެގެން ދިއުމަށް ބޮޑު އެހީއަކަށްްވި އެވެ.
އޭގެ އަހަރުތަކެއް ފަހުން، މާޗް 2011 ގައި އައި ބިންހެލުމާއި ސުނާމީއަށް ފަހު، ސަރުކާރުން "ސުޕަ ކޫލް ބިޒް" ތައާރަފްކުރި އެވެ. މިއީ މަސައްކަތުގެ މާހައުލާއި ގޭގޭގައި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް އެހީތެރިވުމުގެ ގޮތުން އުސޫލުތައް އިތުރަށް ފުޅާކުރި ކެމްޕޭނެކެވެ.
ޖަޕާނުގައި ފިރިހެނުން ސޯޓް ލައިގެން އޮފީހަށް ދާތީ އަންހެނުން ބުނަނީ ފުރައްސާރައެއް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ