އޯލެވެލް ނަތީޖާ މިއަދު؛ މިނިސްޓަރު އެދިވަޑައިގަތީ ލިބޭ ނަތީޖާއިން ކިޔެވުން ހުއްޓާނުލުމަށް

އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާއިރު، އެ ލިބޭ ނަތީޖާއާ މެދު ހިތްހަމަނުޖެހި ކިޔެވުން ހުއްޓާނުލުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟- ދަރިވަރުންގެ ތައުލީމީ ފުރަތަމަ ދިހަ އަހަރު ނިންމާ، ފެންވަރު ވަޒަން ކުރުމުގެ ބޮޑު އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށާނީ މިއަދު މެންދުރު ފަހު އެކެއް ޖަހާއިރު އެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވި އޯލެވެލް އިމްތިހާނުގައި 8،000އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.
ލިބޭ ނަތީޖާއިން މިއަދަކީ ކިޔެވުން ހުއްޓާލާ ދުވަހަށް ނުހެދުމަށް އެދިވަޑައިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މަތީ ސާނަވީއަށް ކިޔެވުމާ އެކު، އިތުރަށް ތައުލީމް ހާސިލް ކުރުމަށް ތަފާތު ފުރުސަތުތަކެއް މިހާރު ހުޅުވިފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓަރު ފާހަގަ ކުރެއްވި ތިން މަގަކީ:
'އެކަޑަމިކް ޕާތުވޭ'
ސްކޫލުގައި ކުރިއަށް ގެންދާ 'ވޮކޭޝަނަލް ޕާތުވޭ'
މަސައްކަތު މާހައުލުގައި (ވޯކް ބޭސްޑް) ކިޔެވުމުގެ 'އެޕްރެންޓިސްޝިޕް ޕާތުވޭ'
"ހުރިހާ ދަރިވަރުންނަކީ އެކަޑަމިކް ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންކަމުގައި ނުވެދާނެ އެވެ...އޯލެވެލްގެ ނަތީޖާއަކީ ތިޔަ ދަރިވަރުންގެ ކިޔެވުމުގައި ސިއްކަ ޖެހޭ ދުވަސް މިހާރު ވަނީ މާޒީގަ އެވެ." މިނިސްޓަރު ލިޔުއްވި އެވެ. 
އޭނާ ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް، އިތުރަށް ކިޔެވުމަށް، އެއިން ކޮންމެ ވެސް މަގެއް އިހްތިޔާރު ކުރާނެ ކުއްޖަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ އޯލެވެލް ހަދާ، ގްރޭޑް ދިހައަކުން ރަސްމީ ތައުލީމު ނިންމާ ނުލައި ގްރޭޑް 12އާ ހަމައަށް ކިޔެވުން ދަންމާލުމެވެ. އެގޮތަށް މަގުފަހި ކުރުމަށް އުސޫލުތަކެއް ވެސް މިހާރު ވަނީ ހަދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ