ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިނަށް 3,651 ފޯނު ކޯލް

ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިނުން އެއް އަހަރުތެރޭ 3,651 ފޯނު ކޯލަށް ޖަވާބުދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.މި ހެލްޕްލައިނަކީ ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14ގެ ވައުދެކެވެ. އެގޮތުން މި ހެލްޕްލައިންގެ ޚިދުމަތް ފަށާފައި ވަނީ ފެބްރުއަރީ 21، 2024 ގައެވެ.ހެލްތު މިނިސްޓްރީން މިއަދު ބުނީ ވޭތުވެ ދިޔަ އެއް އަހަރު ތެރޭގައި މި ހެލްޕްލައިނުން ވަނީ، 3,651 ފޯނު ކޯލަށް ޖަވާބުދީ، 53 މީހަކު ޚާއްސަ ފަރުވާއަށް ރިފާކޮށްފައި ކަމަށެވެ. އަދި ނަފްސާނީ އެކިއެކި އުނދަގޫތައް ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.ހެލްތު މިނިސްޓްރީން ބުނީ މި ހިދުމަތް ދޭ ފަރާތްތަކަކީ ލައިސަންސް ލިބިފައިވާ ފަންނުވެރިންކަން ކަށަވަރުކޮށް، ކޯލް އޭޖެންޓުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގައި އަދި އެސްއޯޕީތަކާއި ރިފަރަލް ނިޒާމުތައް ތައާރަފް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ކަމަށެވެ.ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތައް ހުރި ނަމަވެސް ސަރުކާރުން ދަނީ މުޅި ރާއްޖެއަށް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ."ކުރިއަށް އޮތް ތަނުގައިވެސް މި ހެލްޕްލައިންގެ ހިދުމަތް ހަރުދަނާކޮށް، ފަންނީ ގާބިލްކަން އިތުރުކޮށް އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލުމަށް މަސައްކަތްކުރާނެ އެވެ،" މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ