ހިނގާފައި ދިޔަ މީހެއް ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި މީހަކު ހައްޔަރުކޮށްފި ހިނގާފައި ދިޔަ މީހެއް ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ މަގުމަތީގައި ހިނގާފައި ދިޔަ މީހެއް ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި މީހަކު ހޯދައި ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޖޫން 16، ގައި ހުޅުމާލެ ފޭސް 1 ނިރޮޅުމަގު، އައިއޯއެން ފިހާރަ ކުރިމަތީގައި އޮންނަ ޒިބްރާ ކްރޮސްގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި 54 އަހަރުގެ މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އޭނާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ ސައިކަލު ދުއްވަން ހުރި ގއ. މާމެންދޫ، މޫންލައިޓްވިލާ، މުހައްމަދު ނާޝިއު، 20 ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މުހައްމަދު ނާޝިއު އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ހަ ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 އިން ފަށައިގެން އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެންދާ މައްސަލަތައް 100 އަށްވުރެ މައްޗަށް ވަނީ ޖެހިލައިފަ އެވެ. އަދި 2023 ގެ އިތުރުން 2024 ގައި ވެސް އެ އަދަދު ހުރީ 100 އަށްވުރެ މަތީގަ އެވެ.
2022 ގައި، އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެން ގޮސްގެން ރިޕޯޓުކުރީ 59 މައްސަލައެކެވެ. އަދި 2021 ގައި އެފަދަ 86 މައްސަލަ ރިޕޯޓް ކޮށްފައިވާއިރު، 2020 ގައި ރިޕޯޓް ކޮށްފައި ވަނީ އެފަދަ 83 މައްސަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ