ނަޝީދަށް އިއްވާފައިވާ ހުކުމް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލައަށް ޝަރުއީ ހައްލެއް ހޯދުމަށްޓަކައި ނަޝީދުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
މިމައްސަލައިގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކްރިމިނަލް ކޯޓުގައި ކުރެވުނު ޓެރަރިޒަމްގެ ކުށުގެ ދައުވާއަކީ ރަނގަޅު ދައުވާއެއް ނޫން ކަމަށާއި، ރައީސް ނަޝީދަށް އިންސާފުވެރި ޝަރީއަތެއް ލިބިފައި ނުވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނީ ހަމަތަކަށް ރިއާޔަތްކޮށް އދ.ގެ ވޯކިން ގްރޫޕުން ނިންމާފައިވާ ނިންމުމާއި ދިވެހިރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ލިބިދޭ އިންސާނީ ހައްގުތަކާއި މިނިވަންކަން ރައީސް ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާ މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަތައް ފާހަގަކޮށް ނަޝީދު ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ އެމަނިކުފާނުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް ކުރައްވާފައިވާ ޓެރަރިޒަމްގެ ދައުވާއާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކޮށްދިނުމަށެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދެވުމާ ގުޅިގެން އަބްދުﷲ ގާޒީ ދޫކޮށްލުމަށް އެމްއެންޑީއެފްގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާތީ ސިފައިންގެ އޭރުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެ އަމުރު ތަންފީޒު ކުރުމަށްޓަކައި އެކަމަށް މަގުފަހިކުރުމުގެ ގޮތުން އަންގަންޖެހޭ އެންގުމެއްވާނަމަ އެކަމެއް ރައީސް ނަޝީދު ކުރައްވާފަ ނުވާނުވުމަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއްގެ ދައުވާއެއް އުފުލިދާނެ ފަދަ ކަމެއް ކަމަށް ސުޕްރީމް ކޯޓަށް ފެންނަނަމަ އެކުށަކަށް ވަކި ދައުވާއެއް ކުރުމަށްޓަކައި މިމައްސަލައިގެ ތެރެއިން ޕްރޮސިކިއުޓާ ޖެނެރަލަށް އަމުރުކޮށްދެއްވުމަށްވެސް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގަންފައިވެ އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ބުނީ ރައީސް ނަޝީދުގެ މައްސަލައަށް ހައްލެއް ލިބޭނީ ޝަރުއީ ނިޒާމުގެ ތެރެއިން ކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއިން މިހާރު ދިމާވެފައިވާ މައްސަލައަށް ހައްލެއް ލިބޭނޭކަމަށް ނަޝީދު އުއްމީދު ކުރައްވާ ކަމަށެވެ. އަދި ނަޝީދުގެ މައްސަލަ މިއަދު ސުޕްރީމް ކޯޓުން ބަލައިގަނެ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިމައްސަލަ އެކޯޓުން ބަލައި ނިންމާނެ ކަމަށް ނަޝީދު އުއްމީދު ކުރައްވާ ކަމަށްވެސް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ މިއަހަރުގެ މާޗް މަހުގެ 13 ވަަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ