އަބްދުﷲ ގާޒީ ހައްޔަރުކުރި ރޭ ސިފައިންގެއިން ދީދީއާ ދިމާވި: ހެކިން

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި ރޭ އޭރުގެ މާލޭ އޭރިއާގެ ކޮމާންޑަރު ބްރިގޭޑިއާރ ޖެނެރަލް އިބްރާހިމް ދީދީ އާ ދިމާވި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އިބްރާހިމް ދީދީ އާ ދެކޮޅަށް ހުށަހެޅި ދެހެކިން ކަމަށްވާ ޕޮލިސް ސާރޖެންޓް ހަސަން އިރާޝް އާއި ޕޮލިސް ލާންސްކޯޕްރަލް އިބްރާހިމް ހަމީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ހަވީރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން އިރާޝް އާއި ހަމީދު ބުނީ ފުލުހުންގެ ވެރިއަކު ވިދާލުވެގެން ސިފައިންގެ މައިމަރުކަޒު ކަމުގައިވާ ބަންޑާރަ ކޮށްޓަށް ހައެއްކަ ފުލުހުން ދިޔަ ކަމަށާއި އެތާ އެމީހުން ތިއްބާ އިބްރާހިމް ދީދީ ވަޑައިގެން "މިތަނަށް އައި ފުލުހުންނަކީ ތިއީތޯ؟" އެއްސެވިކަމަށެވެ. އަދި ޖަވާބުގައި އާއެކޭ ބުނިކަމަށްވެސް އެދެ ހެކިން ބުނެފައިވެއެވެ.
އިރާޝް ބުނީ ބަންޑާރަ ކޮށްޓަށް އެފުލުހުން ދިޔައީ ޗީފް ސްޕްރިންޓްޑެންޓް އޮފް ޕޮލިސް ޖިނާހު ވިދާޅުވެގެން ކަމަށެވެ. ނަމަވެސް ހަމީދު ބުނީ ބަންޑާރަކޮށްޓަށް ފުލުހުން އެރޭ ދިޔައީ ކޮންބޭފުޅެއް ވިދާޅުވެގެންކަމެއް ނޭނގޭ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިން ބުނި ހަމައެކަނި އެއްޗަކީ އެއީއެވެ. އިރުތު ސުވާލެއް ދައުލަތުންވެސް އަދި ދީދީގެ ގާނޫނީ ޓީމުންވެސް ކޮށްފައެއް ނުވެއެވެ. ނަމަވެސް ދީދީގެ ގާނޫނީ ވަކީލު ވިދާޅުވީ ޕާޖީގެ އޮފީހުން ހުށަހަޅާފައިވާ ތަހުގީގު ބަޔާންތަކުގެ ތެރެއިން އެދެ ހެކިން ދީފައިވާ ބަޔާންތަކުގައި ދީދީގެ ދައުވާއާ ގުޅޭ ކަމެއް ފާހަގަކޮށްފައިނުވާތީ އެދެހެކިންގެ ހެކިބަސް ނުނުގޭނެ ކަމަށެވެ. އެހެންކަމުން އެ އިޖުރާއީ ނުކުތާ ފާހަގަ ކުރާކަމަށެވެ.
ރައްދުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުލަތުގެ ފަރާތުން ހެކި ހުށަހެޅިދުވަހު ހެކި ދައުވާލިބޭ ފަރާތުން އިއުތިރާޒު ނުކުރާކަމަށް ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން ހުރިހާ އެކި ހުށަހަޅާ ނިމުމުން ހެކިބަސްތައް ގުޅުވައިގެން ޝަރީއަތަށް ސާބިތުކޮށްދޭން ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ.
ނަމަވެސް ފަނޑިޔާރު ވިދާޅުވީ ހެކިހުށަހެޅުމަކީ ކޮންމެ ފަރާތަކަށްވެސް ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި އެހެންކަމުން އެހެކި ބަލައިގަނެވޭނެ ކަމަށެވެ.
ދީދީގެ މައްސަލާގެ އަޑުއެހުމެއް ދެން ބާއްވަން ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހު ކަމަށް ފަނޑިޔާރު އިއުލާން ކުރައްވާ މިއަދުގެ އަޑުއެހުން ނިންމާލެއްވިއެވެ.
މިމަހުގެ 20 ވަނަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އިބްރާހިމް ދީދީ އާ ދެކޮޅަށް ވަނީ އެންއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ނަސްރުﷲ އިބްރާހިމް މަޖުދީ އާއި ފަސްޓްލެފްޓިނެންޓް އަލީ އިހުޝާން ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ. އެދެބޭފުޅުންވެސް ވިދާޅުވީ އުސޫލެއްގެ ގޮތުން އިބްރާހިމް ދީދީއަށް (އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް) އަމުރުކޮށްފައިވަނީ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު ކަމަށެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ޕީޖީގެ އޮފީހުން ދައުވާކުރަނީ އިބްރާހިމް ދީދީގެ އިތުރުން ރައީސް މުހައްމަދު ނަޝީދުއާއި ރައީސް ނަޝީދު ސަރުކާރުގެ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު އާއި އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް މޫސާ އަލީ ޖަލީލުއާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުލަތުން ދައުވާކުރާ މި ހުރިހާ ބޭފުޅުން ވެސް ދައުވާ އަށް އިންކާރު ކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ