މުހައްމަދު ޖުނައިދު
ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގުރޫޕުން ލަފާދެއްވާފައިވާ ގޮތައް މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވުމަށް ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ގުނާލެވޭ ވާރޖިން ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން ސަރ ރިޗަރޑު ބުރެންސަން ގޮވާލައްވައިފިއެވެ.
ސަރ ބުރެންސަން މިހެން ގޮވާލާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކަށް ފޮނުއްވާފައިވާ އާއްމު ސިޓީއެއްގައެވެ. މިސިޓީގައި ރައީސް ވަހީދަށް ރާއްޖޭގެ "ވަގުތީ" ރައީސްގެ ގޮތުގައި މުހާތަބުކުރަށްވާ ބުރެންސަން ލިޔުއްވާފައިވަނީ އެމަނިކުފާނު މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރިއިރު، ޑރ. ވަހީދާއި ބައްދަލުވި ކަމަށެވެ.
މިގޮތުން އެފަހަރު ރާއްޖެއަށް ކުރި ޒިޔާރަތުގައި ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހައިސިއްޔަތުން ޑރ. ވަހީދާއި ބައްދަލުވިއިރު، ޑރ. ވަހީދަކީ ވަރަށް އިންސާފުވެރިކޮށް ވާހަކަދެއްކެވި މީހެއް ކަމަށް ބުރެންސަންގެ ސިޓީގައި ބުނެފައިވެއެވެ.
"ޑރ. ވަހީދު އަމިއްލަފުޅަށް ތިމަންނާ ގާތުގައި ވިދާޅުވި، ރާއްޖޭގެ ކުރީގެ (ރައީސް މައުމޫންގެ) ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ތަހުގީގުކޮށް، އަދުލު އިންސާފު ގާއިމުކުރުމަށް ރާއްޖޭގައި މިނިވަން ކޮމިޝަނެއް (ޓުރުތު އެންޑް ރިކޮންސިލިއޭޝަން ކޮމިޝަން) އެކުލަވާލުމުގެ މުހިއްމުކަމުގެ ވާހަކަ. އަދި އޭރު ޑރ. ވަހީދު ތިމަންނާ ގާތުގައި އެދުނު ރާއްޖޭގައި ތިބި ސިޔާސީ ވެރިންނާއި މިކަމާއި ގުޅޭ ގޮތުން ވާހަކަދެއްކުމަށް" ބުރެންސަންގެ ސިޓީގައި ލިޔުއްވާފައިވެއެވެ.
ބުރެންސަން އިތުރަށް ވިދާޅުވީ ޑރ. ވަހީދު ބަޣާވާތަކުން ރާއްޖޭގެ ޑެމޮކްރެޓިކް ވެރިކަން ވައްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ގަބޫލުކުރަން ވަރަށް ދަތިވާ ކަމަށާއި، އެހެން ކަމުން، ރާއްޖޭގައި މިމަހުގެ 7 ވަނަ ދުވަހު ހިނގާދިޔަ ކަންކަމަކީ ޑރ. ވަހީދަށް ބަޔަކު މަޖުބޫރުކުރަށްވައިގެން، ގަދަކަމުން ކުރުވި ކަމެއް ކަމަށް ދެކޭ ކަމަށެވެ.
ނިންމާލަމުން ބުރެންސަން ލިޔުއްވާފައިވަނީ މިއަހަރުގެ ނިޔަލަށް ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގުރޫޕުން އެދިފައިވާ ގޮތަށް ރާއްޖޭގެ މިނިވަން ރިޔާސީ އިންތިހާބެއް ބާއްވާނެ ކަމަށް އުއްމީދުކުރަށްވާ ކަމަށެވެ.
ކޮމަންވެލްތުން ގޮވާލާފައިވާ ގޮތަށް މިއަހަރު ނިމުމުގެ ކުރިން މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވުމަށް ވާރޖިންގ ގުރޫއްޕުގެ ވެރިޔާ ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ