ރިޔާސީ އިންތިހާބުގައި ޑީއާރްޕީގެ ކެންޑިޑޭޓަށް ނާކާމިޔާބު ވިޔަސް އެމްޑީޕީއަކާ ނުގުޅޭނެ: ސަލީމް

ރިޔާސީ އިންތިހާބުގައި ޑީއާރްޕީގެ ކެންޑިޑޭޓަށް ނާކާމިޔާބު ވިޔަސް އެމްޑީޕީއަކާ ނުގުޅޭނެކަމަށާއި އެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ނުކުންނާނީ އިއްތިހާދުގެ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ބެލެވޭ ކެންޑިޑޭޓުގެ ފަހަތުން ކަމަށް އެޕާޓީގެ ރަޖިސްޓްރާ މުހައްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ޑީއާރްޕީގެ ބޮލުގައި ދުވަހަކުވެސް ރީދޫ ތޮފި ނޭޅުވޭނެކަމަށާއި ޑީއާރްޕީ މަސައްކަތް ކުރާނީ ރައްޔިތުންގެ ފައިދާއަށް ކަމަށެވެ. ޑީއާރްޕީއަކީ ގައުމަށް ފައިދާ ހުރި ކޮންމެކަމެއް ކުރާނެ ޕާޓީއެއްކަމަށާއި އެހެން ކަމުން ރިޔާސީ އިންތިހާބުގައި ކޮލިސަން ހަދަން ޖެހިއްޖެ ނަމަ އެމްޑީޕީއާ ނުގުޅޭނެކަމަށް ސަލީމް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރުގެ ނައިބުކަމުގެ މަގާމް އަދާކުރައްވާ ސަލީމް ވިދާޅުވީ ޑީއާރްޕީއަކީ ރައްޔިތުންނަށް ބޭނުންވާ އަދި ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި އެންމެ ރަނގަޅަށް އެކަންކަން ކުރުމަށް ބާރު އަޅާ ޕާޓީއެއްކަމަށާއި އެވިސްނުމަށް ބަލާއިރު އެކަންކަން ހާސިލްކުރުމަށް ހަރުކަށިކަން ދައްކަންޖެހޭ ހާލަތްތަކުގައި އެކަން ވެސް ދައްކާނެކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ޖަލްސާއަށް މަދު ބަޔަކު ހާޒިރުވި ނަމަވެސް ޑީއާރްޕީގެ އަޒުމަށް ބަދަލު ނާންނާނެކަމަށާއި ޑީއާރްޕީގެ ސިޔާސީ ހަރަކާތްތައް ދެން ދުވަހެއް ދުވަހަކަށް ދާނީ އިތުރުވަމުންކަމަށް އޭނާ ވިދާޅުވި އެވެ.އެންމެ ފަހުން ބޭއްވި ޖަލްސާއަށް ހާޒިރުވެފައިވަނީ 40 ވަރަކަށް މެމްބަރުންނެވެ.
ރޭގެ ޖަލްސާއަށްއ ކުރީ ފަހަރަށް ވުރެ ގިނަ މީހުން ހާޒިރުވި ނަމަވެސް ސަލީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޝަރަފުއްދީން ސްކޫލުގެ ހޯލް ފުރޭވަރަށް މީހުން ހާޒިރުވެގެން ޖަލްސާ ބާއްވާނެ ކަމަށެވެ.
ޑީއާރްޕީގެ ހަރަކާތްތައް އައްޑޫގައި ހިންގި އެންމެ އިސް އެކްޓްވިސްޓް އަދި ހިތަދޫ ގޮފީގެ ރައީސް ހުސައިން ސޯލިހު ވަނީ މިދިޔަ ހަފުތާގައި ވަނީ ޑީއާރޕީން ވަކިވެ ޖުމްހޫރީ ޕާޓީއާ ގުޅިފަ އެވެ. އޭނާއާއކު 700 މީހުން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފަ އެވެ. ހުސައިން ސޯލިހަކީ ޑީއާރްޕީގެ މީޑިޔާ ކޯޑިނޭޓަރ އަދި ފިޝަރީޒް މިިިނިސްޓަރުގެ ނައިބު އަލީ ސޯލހުގެ ބޭބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ