ސްޕެނިޝް ލީގާއި ކަޕް މެޗުތައް ކުރިއަށް ގެންދަން ކޯޓުން އަންގައިފި

މެޑްރިޑް (މެއި 14) - ސްޕެނިޝް ލީގާއި ކަޕް މެޗުތައް މެދުކަނޑާލަން ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައިވާ ނިންމުން އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ސްޕެއިންގެ ހައި ކޯޓުން މިއަދު އެންގުމުން، މެޗުތައް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. ސްޕެއިން ފުޓްބޯޅައިގެ ޓީވީ ރައިޓްސްގެ އާ ގާނޫނުގައި ކުދި ކްލަބްތަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ފަދަ ގޮތަކަށް ހުރުމުން ސްޕެނިޝް ލީގާއި ކަޕްގެ މެޗުތައް މެދުކަނޑާލަން ނިންމާފައި ވަނީ މި މަހު 16 އިން ފެށިގެންނެވެ. އެހެން ނަމަވެސް މިއަދު ވަނީ އެ ނިންމުން ބަދަލުކޮށް ލީގާއި ކަޕް މެޗުތައް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ. އަދި ޓީވީ ރައިޓްސް މައްސަލައިގައި ކުޅުންތެރިން ކުރަން ނިންމާފައިވާ ހަޅުތާލު ވެސް ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމައިފަ އެވެ. ސްޕެއިން ސަރުކާރުން އަލަށް ފާސްކުރި ޓީވީ ރައިޓްސް ގާނޫނުގެ ސަބަބުން ކްލަބްތަކަށް އަމިއްލަ އަށް ވަކިވަކިން ޓީވީ ރައިޓްސް އިން އާމްދަނީ ހޯދުމުގެ ބާާރު ގެއްލެ އެވެ. އާ ގާނޫނާ އެކު ޓީވީ ރައިޓްސް ކަންތައްތައް ކުރިއަށް ގެންދާނީ ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުންނެވެ. މި ކަމުގެ ސަބަބުން ކުދި ކްލަބްތައް މާލީ ގޮތުން ބޮޑު އަޑިގަނޑަކަށް ވެއްޓޭނެ އެވެ. ނެޝަނަލް ޕްރޮފެޝަނަލް ފުޓްބޯލް ލީގު (އެލްއެފްޕީ)ގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވީ، ލީގު މެދުކަނޑާލަން ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ނިންމި ނިންމުމަށް ގާނޫނީ ހައްލެއް ހޯދަން ބޭނުންވީ ލީގު މެދު ކަނޑާލައިފި ނަމަ މެޗު ނުކުޅެ ހޭދަވާ ކޮންމެ ހަފްތާއަކަށް 50 މިލިއަން ޔޫރޯގެ ގެއްލުމެއް ވާނެތީ ކަމަށެވެ. ސްޕެއިންގެ އެއްވަނަ އަދި ދެވަނަ ޑިވިޝަން ލީގު ކުރިއަށްދާނީ އެލްއެފްޕީގެ ބެލުމުގެ ދަށުންނެވެ. އެލްއެފްޕީން ވަނީ ޓީވީ ރައިޓްސް މައްސަލައިގައި ހައްލެއް ހޯދުމަށް ސަރުކާރާ މަޝްވަރާ ކުރާނެ ކަމަށް ބުނެފަ އެވެ. ލީގާއި ކަޕް މެޗުތައް ކުރިއަށް ގެންދަން ނިންމުމުން ބާސެލޯނާ އަށް ވަނީ އަންނަ އާދިއްތަ ދުވަހު އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ފުރުސަތު ލިބިފަ އެވެ. އަދި އެޓީމު މި މަހު 30 ވަނަ ދުވަހު ކޮޕަ ޑެލްރޭ ފައިނަލުގައި އެތުލެޓިކް ބިލްބާއޯއާ ބައްދަލުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ