އިތުރުފުޅު ހެއްދެވި ވަޒީރު ހޯދަން ހުށަހެޅި މައްސަލަ ކޮމިޓީއަކަށް ނުދިޔަ

ހޯމް މިނިސްޓްރަރު އިމްރާން އަބްދުﷲ އާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތުގެ ތެރެއިން މަޖިލީހަށް އިތުރުފުޅު ހެއްދެވި ބޭފުޅެއް ހޯދައި އެ ބޭފުޅަކަށް ފިޔަވަޅު އަޅަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅައި އެ މައްސަލައަށް ބަހުސް ކޮށްފިއެވެ.
އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އެ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، މިދިޔަ މަހުގެ 17 ވަނަ ދުވަހު ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފުލުހުންގެ އިދާރާއާއި އެހެނިހެން އިދާރާތަކުގައި ގަސްތުގައި ގޯސް ހަދާ މީހުން ތިބި ކަމަށް ރިއްފަތު ވިދާޅުވި ނަމަވެސް، އެކަމާ ގުޅިގެން އިމްރާނާ ސުވާލުކުރުމުން ގަސްދުގައި އެފަދަ ކަމެއް ކުރާ ފުލުހުން ނޫޅޭކަމަށް އޭނާ ވިދާޅުވި ކަމަށެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ވަޒީރުންނާ ކުރާ ސުވާލުތަކަށް ތެދު ބަހުން ޖަވާބު ދޭން ޖެހޭނެ ކަމަށް އޮތްއިރު، އިމްރާން ނުވަތަ ރިއްފަތު އިތުރުފުޚު ހައްދަވާފައިވާ ކަމަށާއި، އޭގެ ތެރެއިން އިތުރުފުޅު ހެއްދެވި ބޭފުޅަކު ދެނެގަނެ ފިޔަވަޅު އެޅުމަށް އާދަމް ޝަރީފް ވަނީ ހުށަހަޅުއްވާފައެވެ. އެ މައްސަލަ ބަލައިގަންނަން ވޯޓު ދީފައިވަނީ 18 މެންބަރުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 13 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
އެ މައްސަލަ ކޮމިޓީއަކަށް ފޮނުވައިގެން ބެލުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވަނީ ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ތާއީދު ކުރައްވާފައެވެ. ނަމަވެސް އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ނުވަ މެންބަރަކު ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 13 މެންބަރުން ވޯޓު ދެއްވިއެވެ.
އެ މައްސަލާގައި މިއަދު ކުރި ބަހުސްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި އިދިކޮޅު ކޯލިޝަންގެ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި އިތުރުފުޅު ހައްދަވާފައި ވަނީ އިމްރާނެވެ. އެމްޑީޕީގެ ގިނަ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި އެފަދަ ކަމެއްގައި ރިއްފަތު އިތުރުފުޅެއް ނަހައްދަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ