އެއް ރުފިޔާއަށް މާލެއިން ގޯއެއްޗެއް ވިއްކި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

މާލެއިން 1102 އަކަފޫޓުގެ ގޯއްޗެއް އެއް ރުފިޔާއަށް ވިއްކައި އެ ގޯތީގެ މިލްކުވެރިކަން އަމިއްލަ ކުންފުންޏަކަށް ބަދަލު ކުރި ހުކުމް، ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ. އެއް ރުފިޔާގެ އަގަށް ވިއްކާފައި ވަނީ 1102 އަކަފޫޓުގެ މ. ލާމްޕޫލެވެ. އެ ގޯތި ވިއްކާފައި ވަނީ މޯލްޑިވްސް ޓްރެވަލް އެންޑް ޓްއާސް ޕްރައިވެޓް ލިމިޑެޓަޑަަށެވެ. އެއް ރުފިޔާގެ އަގަށް އެ ގޯތި ވިއްކީ ޓެކުހަަށް މަކަރު ހެދުމަކަށް ކަމަށް ބެލެވެ އެވެ. އެ ބިން އެއް ރުފިޔާއަށް ވިއްކާލުމުން ބިމުގެ އަގުން ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބެނީ އެންމެ 15 ލާރި އެވެ. ބިމާ ބެހޭ ގާނޫނު ބުނާގޮތުން ބިމެއް ވިއްކާ ނަމަ ބިމުގެ އަގުގެ 15 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހެ އެވެ. އެއް ރުފިޔާގެ އަގަށް އެ ގޯތީގެ ވިޔަފާރި އަގުދުކޮށް، މިލްކުވެރިކަން ޓްރެވަލް އެންޑް ޓްއާސްއަށް ބަދަލު ކުރި ހުކުމް ބާތިލް ކުރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި މިއަދު ނެރުއްވި އަމުރެއްގަ އެވެ. އެ އަމުރުގައި ބުނެފައި ވަނީ ގޯއްޗެއްގެ އަގަކީ އެއް ރުފިޔާ ކަމަށް ޝަރުއީ ގޮތުން ނުބެލެވޭނެ ކަމަށެވެ. އެހެންކަމުން އެ ވިޔަފާރި އަގުދު ކުރުމަށް ކުރި ހުކުމަކީ "ފާޅުކަންބޮޑުގޮތެއްގައި މުދަލެއް އޭގެ ނުއަގުގައި" ވިއްކުމަށްކޮށްފައިވާ ހުކުމެއް ކަމަށެވެ. ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ކުރި އެ ހުމަކީ އިންސާފުގެ ބޭނުން އޭގެ ނަހަމަގޮތުގައި ހިފުމަށް މަގުފަހިވާ ގޮތަށްކޮށްފައިވާ ހުކުމެއް ކަމަށެވެ. "...އަދުލު އިންސާފުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް މަގުފަހިވާ ގޮތަށް، ޝަރުއީ ގޮތުން އަގެއް ކަމަށް ނުބެލެވޭ އަދި ފާޅުކަންބޮޑު ގޮތެއްގައި މުދަލެއް އޭގެ ނުއަގުގައި ވިއްކުމަށް ހުކުމްކޮށްފައިވާ ގަޟިއްޔާއަކަށްވާތީ...." ދަށު ކޯޓުގެ ހުކުމް ބާތިލް ކުރި ސަބަބެއް ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ