ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި އެޕާޓްމެންޓްތަކެއް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރު ހަދައިގެން ފައިސާ ނެގި ކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް ސްރީލަންކާ އާއި އިންޑިއާގައި ޕޯސްޓަރު ހަރުކުރަން ފަށައިފިއެވެ.
އައްމަޓީ ހޯދަން، އެ ދެގައުމުގައި ޕޯސްޓަރު ހަރުކުރަނީ ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފުން ފައިސާނެގި އާއިލާތަކުންނެވެ.
ހުޅުމަލޭގައި ފްލެޓު އަޅައިދޭނެ ކަމާށް ބުނެ އެތައް ބަޔެއްގެ އަތުން ފައިސާ ނަގައިގެން އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މިހާރު ދިރިއުޅުމުން ދަނީ ސްރީލަންކާގައެވެ.
އަހުމަދު މޫސާ ހޯދުމަށް މިހާރު ވަނީ އިންޓަޕޯލްއިން ރެޑް ނޯޓިސްވެސް ނެރިފައެވެ.
ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމެންޓްތަކެއް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރު ހަދައިގެން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް ފުލުހުން އެދިފައިވަނީ މިއޭޕްރީލް މަހުއެވެ.
ފައިސާނެގި މައްސަލަ ސިވިލް ކޯޓަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށްވެސް މިމައްސަލަ ވަނީ ހުށަހަަޅާފައެވެ.
މިމައްސަލާގައި 203 މީހަކު ދައުވާކުރަނީ ސީލައިފް ކުންފުނީގެ މައްޗަށާއި އެކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށާއި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށާއި އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައްޗަށެވެ.
ސިވިލްކޯޓަށް މިމައްސަލަ ހުށަހަޅާފައިވާއިރު، މިމައްސަލަ މިހާރު އޮތީ މަޝްވަރާ މަރުހަލާގައި، އަދި މިމައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ.
މިމައްސަލާގައި ގެއްލުން ލިބުނު ފަރާތްތަކަށް ވަކާާލާތުކޮށްދެއްވާ އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާ ވިދާޅުވީ މިމައްސަލާގައި ގެއްލުން ލިބުނު ގިނަ އާއިލާތަކެއް ހާލުގައި ޖެހިފައިވާ އިރު، އިންސާފު ނުލިބި ލަސްވުމަކީ ކަންބޮޑުވުމެކެވެ.
ޝުނާނާ ވިދާޅުވީ އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސީލައިފްއިން ފްލެޓު އަޅައިދޭނެ ކަމަށް ބުނި ބިން އެހެން ބަޔަކަށް ދީފާނެކަމުގެ ބިރު ކަމަށެވެ.
އެމައްސަލައަށް އަވަސްހައްލެއް ހޯދައިދެއްވުމަށް ސަރުކާރުންވެސް މަސައްކަތް ކުރަމުންގެންދާކަން ޝުނާނާ ފާހަގަކުރެއްވިއެވެ.
އަދި މިމައްސަލާގައި އިންސަފު އަވަސްކޮށްދިނުމަށް އެދި ގިނަ ބަޔަކު ވަނީ މިދިޔަހަފްތާ ހުޅުމާލޭގައި ހިނގާލުމެއްވެސް ބާއްވާފައި އަދި އެހިނގާލުމުގެ ބައިވެރިން ވަނީ ސީލައިފްއިން ފްލެޓް އަޅައިދޭނެކަމަށް ބުނި ބިމުގައި ބެނާތައް ދަމާފައެވެ.
އެޕާޓްމަންޓް ގަތުމަށް ބައެއްމީހުންގެ އަތުން 1 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށްވެސް މައްސަލަ ހުށަހެޅި ބައެއް މީހުން ބުނެއެވެ.
ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތްކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް އެކުންފުނިން ދޭންޖެހޭ ފައިސާގެ އަދަދު 20 މލިއަނަށްވުރެ މައްޗަށް އަަރައެވެ.
ސީލައިފްގެ އެމްޑީ އަހުމަދު މޫސާ ހޯދަން އިންޑިއާ އާއި ސްރީލަންކާގައި ނޯޓިސް ހަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ