ފަތުރުވެރިކަމުގެ ދާއިރާގެ މާސްޓާ ޕްލޭން މިމަހުގެ 29 ވަނަ ދުވަހު އިފްތިތާހްކުރަނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފަސްވަނަ މާސްޓާ ޕްލޭނާއި ރިސޯޓު މުވައްޒަފުންގެ ދަފްތަރު މި މަހުގެ 29 ވަނަ ދުވަހު އިފްތިތާހް ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިކަމަށް ހާއްސަކޮށްގެން ބާއްވާ ހަފްލާގައި މި އަހަރުގެ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްވެސް އިފްތިތާހް ކުރާނެ ކަމަށެވެ. އަދި ލައިފް ގާޑު ޕްރޮގްރާމް ވެސް މި ހަފަލާގެ ތެރޭގައި އިފްތިތާހް ކުރާނެ ކަމުގައި ވިދާޅުވި އެވެ.
ޓޫރިޒަމް މާސްޓާ ޕްލޭން އިފްތިތާހުކުރުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.
"މިޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން، އަދި ކެބިނެޓްގެ ބޭފުޅުންވެސް ވަޑައިންގަވާނެ. އަދި މަޓީގެ ބޯޑު އަދި އަޅުގަނޑުމެންގެ ސްޓޭކް ހޯލްޑަ ހުރިހާ އެސޯސިއޭޝަންތަކެއްގެ ބޭފުޅުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އަލަށް އިފްތިތާހު ކުރާ ފަސްވަނަ މާސްޓަ ޕްލޭން އެކުލަވާލުމުގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ މަޝްވަރާ ވަނީ ހޯދާފަ އެވެ. އަދި ސަރުކާރުން ބޭއްވި ގެސްޓްހައުސް ސިމްޕޯޒިއަމްގައި ހުށަހެޅުނު ހިޔާލުތައްވެސް މާސްޓަ ޕްލޭންގައި ހިމަނާފައިވާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެންމެ ފަހުން ޓޫރިޒަމް މާސްޓަ ޕްލޭން ނެރެފައިވަނީ 2013 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ