ފަނޑިޔާރުންނަށް ހާއްސަ އިނާޔަތްތަކެއް ދޭން ޖެހޭ ގޮތަށް އިސްލާހު ހުށަހަޅައިފި

ފަނޑިޔާރުންގެ މަޤާމުން ވަކިވުމުން ހާއްސަ އިނާޔަތްތަކެއް ދޭން ޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުއެވެ. ރިޔާޒް ރަޝީދު ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާ ކޮންމެ ފަނޑިޔާރަކާއި، ފަނޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަކީ ޝަރަފުވެރިކަމާއި އެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ މީހެއް ކަމަށެވެ. އަދި އެ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތައް ދައުލަތުގެ ފަރާތުން ލިބިދޭންޖެހޭނެ ކަމަށް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. ޖޭޕީގެ ފަރާތުން ހުށަހަޅާފައިވާ އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމާއި އިބްތިދާއީ ބަހުސަށް ފުރުސަތު ހުޅުވައި ވޯޓަށް އެހުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. ފަނޑިޔާރުންނަށް ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތައް ލިބެންޖެހޭ ކަމަށް ވިދާޅުވެ މަޖިލީހަށް އިސްލާހު ހުށަހަޅާފައިވާއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުމަށްފަހު އެ މަޖިލީހުގެ ތެރެއިން ކޯޓުތަކުގެ ފަނޑިޔާރުން ބަދަލު ކުރައްވާނެ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އަދި ރައީސް ސޯލިހު އުފައްދަވާފައިވާ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުގެ ރައީސް އަލްއުސްތާޒު ހުސްނުއް ސުއޫދުވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.ފަނޑިޔާރުންގެ ބިލް އިސްލާހު ކުރުމަށް ހުށަހަޅާފައިވާއިރު މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތައް ދިނުމަށްވަނީ އިސްލާހެއް ހުށަހަޅާފައެވެ. އެ އިސްލާހުތައް ހުށަހަޅާފައިވަނީ އެމްޑީޕީގެ ފަރާތުންނާއި މިނިވަން މެމްބަރެއްގެ ފަރާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ