މިދިޔަ އަހަރު ދައުރުވި ފައިސާގެ އަދަދު 41 ބިލިއަނަށް

މިދިޔަ އަހަރު ނިމުނު އިރު އިގްތިސާދުގައި ދައުރުވި ޖުމްލަ ފައިސާގެ އަދަދު 41.4 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، 2020 ވަނަ އަހަރުގެ ޖުމްލަ ފައިސާ ނުވަތަ ބްރޯޑް މަނީ ވަނީ 14 ޕަސެންޓަށް އިތުރުވެފަ އެވެ. އޭގެ ކުރީ އަހަރު ނިމުނު އިރު ޖުމްލަ ދައުރުވި ފައިސާގެ މިންވަރު ހުރީ 10 ޕަސެންޓުގަ އެވެ. އެ އަހަރު 36 ބިލިއަން ރުފިޔާ ދައުރުވެފައިވެ އެވެ. އެހެން ކަމުން ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ މިދިޔަ އަހަރު މިވަނީ އިތުރުވެފަ އެވެ.
އެމްއެމްއޭ އިން ބުނީ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެފައި ވަނީ ނެޓް ޑޮމެސްޓިކް އެސެޓްގެ އަދަދު 51 ޕަސެންޓަށް އިތުރުވުމުންނެވެ. ނެޓް ޑޮމެސްޓިކް އެސެޓްގެ ތެރޭގައި ސަރުކާރުން ނެގި އޯވާޑްރާފްޓް ފެސިލިޓީ ވެސް ހިމެނޭނެ އެވެ. މިއީ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވި އެންމެ ބޮޑު ސަބަބު ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ. ސަރުކާރުން ވަނީ 4.4 ބިލިއަން ރުފިޔާ އޯވާޑްރޯ ކުރަން ނިންމައިފަ އެވެ.
އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން އެމްއެމްއޭގެ ނެޓް ފޮރިން އެސެޓްގެ އަދަދު ވަނީ ދަށްވެފަ އެވެ. ނެޓް ފޮރިން އެސެޓް ދަށްވެފައި ވަނީ ބޭރު ފައިސާ ޑިޕޮސިޓް ކުރި ވަރު މަދުވުމުގެ ސަބަބުންނެވެ.
އެމްއެމްއޭ އިން ބުނީ ކޮވިޑާ ގުޅިގެން މާލީ ދާއިރާގެ ކުންފުނިތަކުގެ ފައިދާ ވަރަށް ބޮޑަށް ދަށްވި ނަމަވެސް ހާލަތާ ކުރިމަތިލާ ހިފަހައްޓާލެވުނު ކަމަށެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ވަނީ 32 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެމްއެމްއޭއިން ބުނީ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއަރުވާނީ މިދިޔަ އަހަރު ލިބުނު އިގްތިސާދީ ފިލާވަޅުތަކަށް ބަލައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ