ރާއްޖޭގެ އާބާދީގައި ވެކްސިން ފުރިހަމަ ކުރީ 20 ޕަސެންޓް މީހުން

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 20 ޕަސެންޓު މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ގައި މަސައްކަތްކުރާ އެންމެންނަކީ ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ ބަޔަކަށް ހެދުމަށް "އައިއެމް ވެލްސިނޭޓެޑް" ގެ ނަމުގައި ކެމްޕެއިނެއް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝާހު މާހިރު ވިދާޅުވީ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ވެކްސިން ޕްރޮގްރާމު ހިންގަނީ ރަނގަޅު ފެންވަރެއްގައި ކަމަށެވެ. ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ވެކްސިނޭޝަން ކެމްޕެއިން ފެށިފަހުން މިހާތަނަށް ރާއްޖޭގެ އާބާދީގެ 65 ޕަސެންޓް އާބާދީ އަށް ފުރަތަމަ ޑޯޒް ވެކްސިން ދެވިއްޖެ ކަމަށާއި އޭގެ ތެރެއިން 20 ޕަސެންޓަށް ދެވަނަ ޑޯޒް ޖެހިފައިވާ ކަމަށް ޑރ. ޝާހު މާހިރު ވިދާޅުވި އެވެ. "އަސްލު މި ބަލިން އަޅުގަނޑުމެންނަށް ސަލާމަތްވެވެން މި އަންނަނީ އަޅުގަނޑުމެންގެ ހާޑް އިމިޔުނިޓީ ވަރުގަދަ ކޮށްގެން. އެއީ ވީހާވސް ގިނަ ބަޔަކު ވެކްސިން ޖެހިވަރަކަށް އަޅުގަނޑުމެންނަށް މިކަމުން ރައްކާތެރިކަން ލިބިގެންދާނީ،" ޑރ. ޝާހު މާހިރު ވިދާޅުވި އެވެ. ޑރ. ޝާހު މާހިރު ވަނީ ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ. ހާއްސަކޮށް ފުރަތަމަ ޑޯޒް ޖެހުމަށްފަހު މިހާރު ދެވަނަ ޑޯޒް ޖެހުމަށް ޝަތުރު ހަމަވާ ފަރާތްތަކުން ދެވަނަ ޑޯޒް ޖެހުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. ކުރިއަށް އޮތްތަނުގައި ވެސް އުޅެން ޖެހޭނީ ބައްޔާއެކު ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބައްޔާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. ޓޫރިޒަމް ކުރިއަށް ގެންދާއިރު ދުނިޔޭގައި ބަލި ފެތުރޭ ޓްރެންޑަށޤ ބަލައި ރައްކާތެރިވާން ޖެހޭކަންވެސް ޑރ.ޝާހު މާހިރު ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ