ކަރަންޓަށް ދާއިމީ ހައްލެއް އަންނަންދެން މާމެންދޫ ރައްޔިތުން އަދިރީގައި!

ކަރަންޓެއް ދާއިމީ ހައްލެއް ލިބުމުން ނޫނީ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްނުދޭން ލ. މާމެންދޫގެ ރައްޔިތުން އެދެފި އެވެ.
ދާއިމީގޮތެއްގައި ރަށަށް ކަރަންޓް ލިބެމުންނުދާކަމަށްބުނެ، މާމެންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން މިރޭ ވަނީ އިންޖީނުގެދޮށަށް އެއްވެ ދާއިމީ ހައްލެއް ނުލިބެނީސް ކަރަންޓް ފޯރުކޮށް ނުދޭން އެދެފައެވެ.
ވީނިއުސްއަށް މައުލޫމާތުދެއްވަމުން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ހަބީބު ވިދާޅުވީ، ރައްޔިތުން އެގޮތަށް އެދުނީ ކަރަންޓަށް މައްސަލަތައް ދިމާވެ ދާއިމީގޮތެއްގައި ކަރަންޓް ފޯރުކޮށްދެވޭނެ ދުވަހެއް ނޭނގޭކަމަށް ފެނަކައިން ބުނުމުން ކަމަށެވެ. ހަބީބު ވިދާޅުވީ ރަށުގައި ހުރި 3 ޖަނަރޭޓަރު ހުންނައިރު ބޭނުންކުރެވެނީ އެންމެ ޖަނަރޭޓަރެއް ކަމަށެވެ. އަދި އެއިން ކަރަންޓް ފޯރުކޮށްދެނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންކަމުން، ކަރަންޓްދޫކޮށް ކަނޑަމުންދާ ވަގުތު ނޭނގޭއިރު އޭގެ ސަބަބުން ރައްޔިތުން ގެންގުޅޭ އަގުބޮޑުތި މުދަލަށް ޒިންމާނުވެވޭނަމަ ކަރަންޓްފޯރުކޮށްދިނުން ހުއްޓާލުމަށް ރައްޔިތުން އެދުނު ކަމަށެވެ.
އަދި ކަރަންޓް ކަނޑާލާފައި ވަނީ ތަކެއްޗަށް ޒިންމާ ވެވެންނެތުމުން ފެނަކައިގެ އެމްޑީގެ ހުއްދައަކާއި އެކުކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ. ހަބީބު ވިދާޅުވީ ކަރަންޓަށް ދާއިމީ ހައްލެއް ގެނައުމަށް ކައުންސިލުން ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން މަސައްކަތް ކުރަމުންދާކަމަށެވެ.
ކަރަންޓެއް ދާއިމީ ހައްލެއް ލިބުމުން ނޫނީ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްނުދޭން އެދުމަށްފަހު ގިނަ ރައްޔިތުން ތިބީ އުއްބައްތި ދިއްލައިގެން ކަމަށާއި، އަދި ބައެއް ގޭގޭގެ މީހުން މަގުމަތީގައި ކުނާއަޅައިގެން ނިދަންތިބި ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.
މާމެންދޫ އަކީ ގާތްގަނޑަކަށް 1300 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ